ޚަބަރު

ލަންކާގެ ކުއްލި ޙާލަތުގެ މުއްދަތު ދަންމާލައިފި


ސްރީލަންކާގައި އިޢުލާނު ކޮށްފައިވާ ކުއްލި ހާލަތު އިތުރު އެއް މަސް ދުވަހަކަށް އިތުރު ކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ. ޖުލައި 17 ވަނަ ދުވަހު ސްރީލަންކާގައި ކުއްލި ހާލަތު އިޢުލާނު ކުރެއްވީ ރައީސް ރަނިލް ވިކްރަމަސިންހައެވެ. އޭނާ އެ ވަގުތު އެ ޤައުމުގެ ރައީސް ކަމުގެ ޒިންމާތަކާ ހަވާލުވެ ހުންނެވީ ވަގުތީ ގޮތުންނެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ، ޖުލައި 13 ވަނަ ދުވަހު ވަނީ ރިޔާސީ ގަނޑުވަރަށް ވަދެ، އެ ތަން ހިފާފައެވެ. އަދި، އެ ކަމާ ގުޅިގެން އެއިރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ޤައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ. އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ.

ސްރީލަންކާގައި އިޢުލާނު ކޮށްފައިވާ ކުއްލި ހާލަތުގެ ދަށުން އެ ޤައުމުގެ އަސްކަރިއްޔާއަށް ގިނަ ބާރުތަކެއް ލިބެއެވެ. މީގެ ތެރޭގައި ޢާންމު ރައްޔިތުން ހައްޔަރު ކުރުމުގެ ބަރާއި، ޢާންމު އެއްވުންތައް ރޫޅައިލުމާއި، ޢާންމުންގެ ގެދޮރު ބަލައި ފާސް ކުރުމުގެ ބާރު ވެސް ހިމެނެއެވެ. އަދި، ބާރުގެ ބޭނުންކޮށް އެ ޤައުމުގެ އަސްކަރިއްޔާއާއި ފުލުހުން ގުޅިގެން ވަނީ ވެރިރަށް ކޮލަމްބޯގައި ހުރި މުޒާހަރާ ކުރާ މީހުންގެ މައި ކޭމްޕު ރޫޅައިލާ، މުޒާހަރާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުން ހައްޔަރު ކޮށްފައެވެ.

އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން ސަލާމަތްވުމަށް ރައީސް ވިކްރަމަސިންހަ މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތުގެ ދަށުން ކުރައްވާ އެއް ކަމަކީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) މެދުވެރިކޮށް ފައިސާ ހޯދުމެވެ. އަދި، އެއަށްފަހު އެހީދޭ ޤައުމުތަކުގެ މަހާސިންތާއެއް ބާއްވާނެ ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ސްރީލަންކާއަށް މާލީ އެހީތެރިކަމާއި ލޯނު އެންމެ ގިނަ އަދަދަކަށް ފޯރުކޮށްދީފައިވާ ތިން ޤައުމު ކަމުގައިވާ އިންޑިޔާއާއި ޗައިނާ އަދި ޖަޕާނަށް މި މަހާސިންތާގައި ބައިވެރިވުމަށް ދަޢުވަތު ދޭނެ ކަމަށް ބެލެވެއެވެ. ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ ސްރީލަންކާގައި އެކި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ލޯނުގެ ގޮތުގައި 5 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ.