ވިޔަފާރި

"ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އޮފް ދި އިޔަރ"ގެ އެވޯޑް މިފަހަރުވެސް ރާއްޖެއަށް


ޖަރުމަނުގެ ކޮނޮސުއަރ ސަރކަލްއިން ހޮވޭ "ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އޮފް ދި އިޔަރ"ގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ކޮނޮސުއަރ ސަރކަލްއަކީ ޖަރުމަނުގެ މަޝްހޫރު މަޖައްލާއެކެވެ.

ކޮނޮސުއަރ ސަރކަލްއަކީ އެ ޤައުމުގައި ހަމައެކަނި ޖަރުމަނު ބަހުން ނެރޭ މަޖައްލާއެވެ. ކޮނޮސުއަރ ސާކަލަކީ ލަގްޒަރީ ހޮޓެލްތަކާއި، ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި ކޮންޓެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ.

ކޮނޮސުއަރ ސަރކަލްއިން ހޮވޭ "ބެސްޓް ލަކްޒަރީ ޑެސްޓިނޭޝަން އޮފް ދި އިޔަރ"ގެ އެވޯޑް ރާއްޖެއަށް މިއަހަރު ލިބުނުއިރު މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ މި އެވޯޑް ހޯދާފައެވެ. ކޮނޮސުއަރ ސަރކަލްގެ ގިނަ އެވޯޑްތަކެއް ރާއްޖޭގެ ރިސޯޓްތަކަކުންވެސް ވަނީ ހޯދާފައެވެ.

އެމް.އެމް.ޕީ.އާރު.ސީން މިހާރުވެސް ވަނީ ޖަރުމަނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކޮނޮސުއަރ ސާކަލްއާއެކު 6 މަސް ދުވަހުގެ ކެންޕެއިނެއް ފަށާފައެވެ. މިއީ މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިނަން މި މާކެޓުގައި ދަމަހައްޓައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޖަރުމަނު ބަހުން ރާއްޖެއާ ބެހޭ ކޮންޓެންޓް ޝާއިޢުކުރުންކަމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި އަދި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރާނެއެވެ. 6 މަސް ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކެންޕެއިންގައި ކޮނޮސުއަރ ސާކަލްގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.

މި އަހަރު ޖޫން 29ގެ ނިޔަލަށް ޖުމްލަ 809603 (އަށްލައްކަ ނުވަހާސް ހަސަތޭކަ ތިނެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ގެ އޭގެ ތެރެއިން 67608 ފަތުރުވެރިންނަކީ ޖަރުމަނުވިލާގެ ފަތުރުވެރިންނެވެ.