ޚަބަރު

ދިވެހިންނަށް އިންޑޮނޭޝިޔާއިން އޮން-އެރައިވަލް ވިސާ


އިންޑޮނޭޝިޔާއިން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ދިވެހިންގެ މެދުގައި ވިޔަފާރި އާއި ޗުއްޓީ ހޭދަކުރުމަށް މަޤްބޫލް މަންޒިލެއްކަމަށްވާ އިންޑޮނޭޝިޔާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާ އެ ޤައުމުގެ އިމިގްރޭޝަނުންނެވެ.

އެގޮތުން އިންޑޮނީޝިއާގެ އިމިގްރޭޝަނުން މިއަދު އާންމުކުރި، އެ ގައުމުން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި 75 ޤައުމެއް ހިމެނޭއިރު އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

އިންޑޮނޭޝިޔާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ނިންމާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެކަމަށް އެދިވަޑައިގެންފައިވަނިކޮށެވެ.

އެގޮތުން އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިދިޔަ މޭމަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ސަފީރާއެކު މަޝްވަރާ ކުރައްވާފައެވެ.

ދިވެހިންނަށް އިންޑޮނީޝިއާއިން އޮން-އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އެކަން ފާހަގަކުރައްވައި، އެ ޤައުމުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިންނަށް މިހާރުވެސް 87 ޤައުމަކަށް ދުރާލާ ވިޒާ ނުނަގާ ދަތުރުކުރެވޭއިރު އިތުރު ޤައުމުތަކަށް ވިޒާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމްތައްވެސް ސަރުކާރުން ދަނީ ހަމަޖައްސަވަމުންނެވެ. އޭގެ ތެރޭގައި އިރުމަތީ އޭޝިޔާއާއި ޔޫރަޕްގެ ޤައުމުތައްވެސް ހިމެނެއެވެ. އަދި ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް އެންމެ ބާރުގަދަ ޕާސްޕޯޓްކަމަށް މިކަމާއި ގުޅޭ ދިރާސާތައް ހަދާ ފަރާތްތަކުން ފާހަގަކުރެއެވެ.