ޚަބަރު

ޙައްޖުވެރިންގެ ފަހު ގްރޫޕު މިއަދު ރާއްޖެ އަތުވެއްޖެ


1443 ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިންގެ 3 ވަނަ ގްރޫޕް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 10:10 ގައެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔައެވެ. އޭގެ ތެރެއިން ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޙައްޖަށް ދިޔަ ދިވެހިންގެ ތެރެއިން އެންމެ ގިނަ މީހުން އެނބުރި ރާއްޖެ އައިސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ފްލައިޓުންނެވެ. ދެވަނަ ގްރޫޕުގައި އެ ފްލައިޓުން 175 ޙައްޖާޖީން ވަނީ ރާއްޖެއައިސްފައެވެ. އެންމެފަހު ގްރޫޕު މިއަދު ރާއްޖެ އައިސްފައިވާއިރު، މިއަދު ފްލައިޓުން 117 ޙައްޖުވެރިން ވަނީ އައިސްފައެވެ.

ހައްޖުވެރިންނާއި އާއިލާގެ ބޭފުޅުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައިދީ، އިތުރު މުވައްޒަފުން އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާން ބޭނުންވި އާއިލާގެ މެންބަރުންނަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ބާއްވާފައިވެއެވެ. އެގޮތުން ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ދިއުމަށް ވެހިކަލްތައް ހަމަޖައްސާފައިވެއެވެ.

އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އަމިއްލައަށެވެ. 4 ސަރަހައްދަކުން އެއަރޕޯޓަށް ޚާއްސަ ބަސްދަތުރުތަކެއް ބާއްވާފައިވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ ސަރަހައްދުތަކުގައި ޓްރެފިކް ބަލަހެއްޓުމުގައި ހަރަކާތްތެރިވެފައެވެ. އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރިކޮށްދީފައިވެއެވެ. މީގެ އިތުރުން ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި ބާއްވާފައި އޮތެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ އަރަބިއްޔާއަށް ދިޔަ ޙައްޖުވެރިންގެ ދަތުރުފަތުރާއި، ކެއުންބުއިމާއި ހުރުމުގެ ހުރިހާ އިންތިޒާމްތަކެއްވެސް ވީހާވެސް ފުރިހަމަކޮށް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ޚާއްސަ އަޙައްމިއްޔަތުކަމެއް ދެއްވާފައެވެ. މި ހުރިހާ އިންތިޒާމްތަކެއްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ވަރަށް ގާތުން ބައްލަވާފައެވެ.