ދުނިޔެ

ވިލާތަށް ހިޖުރަކުރި ގިނަ އަދަދެއްގެ ކުޑަކުދިން ގެއްލިފައި


ވިލާތުގެ ޤައުމުތަކަށް މިދިޔަ ދެއަހަރުގެ ތެރޭގައި ދަތުރުކުރި ރެފިއުޖީންގެ ތެރެއިން ދިހަހާހަށްވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އީޔޫގެ ޕޮލިސް އިންޓެލިޖެންސްއިން ބުނެފިއެވެ.ޔޫރޯޕޯލްއިން މަޢުލޫމާތު ދޭގޮތުގައި އެކި އެކި ސަބަބުތަކާއި ހުރެ އަމިއްލަ ޤައުމު ދޫކޮށް، ވިލާތުގެ ޤައުމުތަކަށް ދަތުރުކުރި ރެފިއުޖީންގެ ތެރެއިން އެތައް ހާސް ޅައުމުރުގެ ކުދިންނާއި ޒުވާނުން އެމީހުން އަންނަ ޤައުމެއްގައި ރަޖިސްޓްރީ ވުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. ޔޫރޯޕޯލްއިން ބުނީ ކްރިމިނަލް ގޭންގްތަކުން ރެފިއުޖީ ކުދިންނާއި، ޒުވާނުން އަޅުވެތިކޮށް، އެކި ކަހަލަ ނަހަމަ އަމަލު ތަކުގެ ޝިކާރައަކަށް އެކުދިން ވެފައިވާކަމަށެވެ.ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަންއިން މަޢުލޫމާތު ދޭ ގޮތުގައި ޔޫރަޕްގެ ޤައުމުތަކަށް މިދިޔަ އަހަރު އެކަނިވެސް 26 ހާހަށް ވުރެ ގިނަ ކުޑަކުދިން މައިންބަފައިނާއި ބެލެނިވެރިންނާއި ނުލާ ދަތުރުކޮށްފައިވެއެވެ. މިއީ ޔޫރޯޕޯލްއިން މި ރެފިއުޖީ ކުދިންގެ ތެރެއިން މިހާ ގިނަ އަދަދެއްގެ ކުދިން ގެއްލިފައިވާކަމަށް ހާމަކޮށްފައިވާ ފުރުތަމަ ފަހަރެވެ.