ޚަބަރު

ޖޭލޯގެ ބިއުޓީ ބްރޭންޑަށް އައު ކަލެކްޝަނެއް، މިފަހަރު ބޮޑީ ކެއަރ ލައިނެއް


ދެ ފަހަރަށް އެންގޭޖު ވުމަށްފަހު މި މަހު ލޯބިވެރިޔާ ބެން އެފްލެކް އާއި ކައިވެނިކުރި ޖެނިފާ ލޮޕޭޒް (ޖޭލޯ)ގެ އައު ބިއުޓީ ބްރޭންޑެއް ލޯންޗުކޮށްފިއެވެ.

ޖެނިފާ މިހާރުވެސް އަންނަނީ "ޖޭލޯ ބިއުޓީ"ގެ ނަމުގައި ކޮސްމެޓިކް ބްރޭންޑެއް ހިންގަމުންނެވެ. މިފަހަރު ލޯންޗުކުރި ޖޭލޯ ބޮޑީ އަކީ މި ބިއުޓީ ލައިނަށް އިތުރުވި ބޮޅެކެވެ. ޖޭލޯ މި ބްރޭންޑް ލޯންޗުކޮށްފައިވަނީ އޭނާގެ 54 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

މި ބްރޭންޑް ލޯންޗުކުރުމަށް ވީޑިއޯއެއްވެސް ޖޭލޯ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އާއްމުންނަށް ދޫކޮށްލާފައެވެ.

ޖެނިފާ ލޮޕޭޒްއާއި ބެން އެފްލެކް ކައިވެނިކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެމެރިކާގެ ލަސް ވޭގަސްގައި ބޭއްވި ޕްރައިވެޓް ހަފުލާއެއްގައެވެ. މި ދެތަރިންގެ ކައިވެނީގެ ޚާއްސަ ހަފްލާގައި ދެ މީހުންގެ ގާތް އެކުވެރިންނާއި، އާއިލާގެ އިތުރުން ބައެއް ހޮލީވުޑް ފަންނާނުންވެސް ބައިވެރިވިއެވެ.

ގާތްގަނޑަކަށް 17 އަހަރަށް ފަހު އަލުން ދިމާވެ އެންމެ ފަހުން ކައިވެނި ކޮށްފައިވާއިރު ދެ މީހުން ތިބީ ވަރަށް އުފަލުން ކަމަށް ޖޭލޯ ވަނީ ބުނެފައެވެ.
ކައިވެންޏަށްފަހު ދެ މީހުން ހަނީމޫނަށް ގޮސްފައިވަނީ ދުނިޔޭގެ އެންމެ ރޮމޭންޓިކް މަންޒިލުގެގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޕެރިސް އަށެވެ.

މި ތަރިން ކައިވެނިކުރިއިރު އެފްލެކްގެ ކުރީގެ އަނބިމީހާ ޖެނިފާ ގާނާއަށް 3 ކުދިން ތިބެއެވެ. އެއީ ވައިލެޓް، ސެރާފިނާ އަދި ސެމިއުލަ އެވެ. ޖެނިފާ އާއި ލަވަކިޔުންތެރިޔާ މާކް އެންތޮނީގެ ކައިވެންޏަށް ލިބިފައިވަނީ އެއްމާބަނޑު ދެ ކުދިން ކަމުގައިވާ މެކްސް އާއި އެމާ އެވެ.