ޚަބަރު

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތަކެއް ސުންނާފަތިކޮށްލައިފި


އިސްރާޢީލުގެ ޔަހޫދީ ސިފައިންގެ ފައުޖުތައް ހުޅަނގު އައްސޭރިއަށް އަރައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނު ރައްޔިތުންގެ ދެ ގެއެއް ސުންނާފަތި ކޮށްލައިފިއެވެ. ޔަހޫދީ ސިފައިން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ޤަރާވަތު ބަނީ ޙަސަން ކިޔާ ރަށެއްގައި ހުންނަ ދެ ގެއެކެވެ.

އެ ރަށުގެ މޭޔަރު އިބްރާހީމް އަސީ ވަނީ، ޔަހޫދީ ސިފައިންގެ މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، ބިމާ ހަމަކޮށްލާފައިވާ ދެ ގޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އޭނާ ބުންޏެވެ. ޔަހޫދީ ސިފައިން ބުނީ، އެ މީހުން ސުންނާފަތި ކޮށްލާފައިވާ ދެ ގެއަކީ، މުޖާހިދުންގެ ޖަމާޢަތަކަށް ނިސްބަތްވާ ދެ މީހެއްގެ ގެ ކަމުގައެވެ.

މި ދެ މީހުންނަކީ، އޭޕްރިލް މަހުގައި ޔަހޫދީންގެ ސެކިޔުރިޓީ ގާޑެއް މަރައިލުމަށް ދިން ހަމަލާއެއް ރާވައި ހިންގުމުގައި ހަރަކާތްތެރިވި ދެ މީހުން ކަމުގައި އިސްރާޢީލުން ތުހުމަތު ކުރެއެވެ. އަދި، ޔަހޫދީ ސިފައިން ވަނީ އެ ދެ މީހުން ހައްޔަރު ކޮށްފައެވެ. މުޖާހިދުންގެ ޖަމާޢަތްތަކަށް ނިސްބަތްވާ ކަމަށް ޔަހޫދީ ސިފައިން ތުހުމަތު ކުރާ މީހުންގެ ގެދޮރު ސުންނާފަތިކޮށް ބިމާ ހަމަކުރުމަކީ އައު ކަމެއް ނޫނެވެ.

މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ މި ފަދަ އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ މުސްލިމް ރައްޔިތުންގެ 420 ގެއެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި، މިދިޔަ އަހަރު ސުންނާފަތި ކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ ގެދޮރުގެ އަދަދު 911 އަށް އަރައެވެ.