ޚަބަރު

ސަޢޫދީ ވަލީއަޙުދު ވިލާތުގެ ދެ ޤައުމަކަށް ވަޑައިގަންނަވަނީ


ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ގްރީސްއާއި ފަރަންސޭސި ވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ. މިއީ 2018 ވަނަ އަހަރު ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝޮގްޖީގެ މަރަށް ފަހު ސަޢޫދީ ވަލީއަޙުދު ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ވަލީއަޙުދު އެންމެ ފަހުން މެދުއިރުމަތިން ބޭރަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެއީ، ޖީ20ގެ ޤައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޖަޕާނަށް ކުރެއްވި ދަތުރުފުޅެކެވެ. ވިލާތުގެ އިއްތިހާދުގެ ދެ ޤައުމަށް ކުރައްވާ ދަތުރުފުޅުގައި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން އޭނާ އެ ޤައުމުތަކުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނެއެވެ.

ގްރީސްއަށް ކުރައްވާ ދަތުރުފުޅުގައި ވަލީއަޙުދު އެ ޤައުމުގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކީސްއާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ހަކަތައާއި އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށް ގްރީސްއިން ބުނެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ކަނޑުއަޑީގެ ޑޭޓާ ކޭބަލެއް އެޅުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމުގައި ގްރީސްގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މިޓްސޮޓާކީސްއަކީ، ޚާޝޮގްޖީގެ މަރަށްފަހު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާފައިވާ ވިލާތުގެ ޤައުމުތަކުގެ މަދު ވެރިންގެ ތެރެއިން ބޭފުޅެކެވެ. އޭނާގެ ދަތުރުފުޅާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް މިދިޔަ އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އަދި، މި ޖުލައި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ވަލީއަޙުދާ ބައްދަލު ކުރައްވާފައެވެ.

2018 ވަނަ އަހަރު ޚާޝޮގްޖީ މަރައިލާފައި ވަނީ ތުރުކީ ވިލާތުގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައެވެ. އޭނާ މަރަން އަމުރު ކުރައްވާފައި ވަނީ ސަޢޫދީ ވަލީއަޙުދު ކަމުގައި އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ވަލީއަޙުދު ވަނީ މި ކަން ދޮގު ކުރައްވައި، ޚާޝޮގްޖީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި ވިދާޅުވެފައެވެ.