ވިޔަފާރި

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް


ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ޓްރެވަލް ޑެއިލީ މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ޖުލައި މަހުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ޓްރެވަލް ޑެއިލީ މިޑިއާއަކީ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ހަބަރާއި، އޮޕީނިއަން، އަދި އެނަލަސިސް، ދާއިރާގެ ޕްރޮފެޝަނަލުންނާ ހަމައަށް ފޯރުކޮށްދޭ އޮންލައިން މީޑިއާ ޕްލެޓްފޯމެކެވެ. މިގޮތުން މި ޕްލެޓްފޯމްގެ ސަބްސްކްރައިބަރުންނާއި، ކޮންޓްރިބިއުޓަރުން އޭޝިއާ، ޔޫރަޕް، އެމެރިކާ، މެދުއިރުމަތި، އަދި ޗައިނާއާއި އިންޑިއާފަދަ ޤައުމުތަކުގައި ތިބެއެވެ.

މި ޕްލެޓްފޯމްގެ އޯޑިއަންސްގައި ހިމެނެނީ ޓްރެވަލް އަދި ޓުއަރ އެޖެންސީ، ހޮސްޕިޓަލިޓީ، އޭވިއޭޝަން، ކްރޫޒިންގް، މައިސް އަދި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުންނެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، މި މާކެޓުގައި ރާއްޖެއަށް އޮންނަ މަޤުބޫލުކަން އިތުރުކުރުމެވެ. އަދި މި މާކެޓުގެ ފަރާތްތައް ރާއްޖޭގެ ބްރޭންޑަށް އިތުރަށް އަހުލުވެރިކޮށް، ރާއްޖެއަކީ ސައުތު އޭޝިއާ މާކެޓުގައި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ޤާއިމްކުރުމެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ބެހޭ އާޓިކަލްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ވެބްސައިޓު އަދި ނިއުސްލެޓަރގައި ޝާއިޢުކުރާނެކަމަށާއި އަދި ރާއްޖެއާ ބެހޭ ޕޯސްޓްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ފޭސްބުކްގައި ޕޯސްޓްކުރާނެކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިޝްތިހާރު ވެބްސައިޓްގެ ބެނާގަޔާއި، އީމެއިލް ސްޕޮންސާ ބެނާގައިވެސް ޕަބްލިޝްކުރާނެއެވެ.

މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. މިގޮތުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމުން މިތަނުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ރައްކާތެރިކަމާއި، އެކަހެރިކަން ޕްރޮމޯޓުކުރެވޭނެއެވެ.

މިއީ ސީމާކެޓަށް ހާއްސަކޮށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި ސްޓްރެޓަޖީ އަކީ ރާއްޖެއަށް މި މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު ޕެންޑަމިކްގެ ކުރިން ހުރި މިންވަރަށް އިތުރުކުރުމަށް ބިނާކޮށްފައިވާ ސްޓްރެޓަޖީއެކެވެ. އަދި ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ އަދި ހަނީމޫން ފަތުރުވެރިންނަށް ހާއްސަ މަންޒިލެއް ކަމަށް އާންމުވެފައިވާ ހިޔާލު ބަދަލުކޮށް ރާއްޖޭގެ އެހެން ސެގްމެންޓުތައް ޕްރޮމޯޓުކުރުމަށް ބިނާކޮށްފައިވާ ސްޓްރެޓަޖީއެކެވެ.

މި އަހަރުގެ ޖެނުއަރީއިން ޖުލައި އާއި ހަމައަށް ސައުތު އީސްޓް އޭޝިއާމާކެޓުން ރާއްޖެއަށް 18489 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ވެބިނާތައް ކުރިއަށް ގެންދިއުމާއި، އީ-ލާނިން ޕްރޮގްރާމްތަކާ، އެހެނިހެން ހަރަކާތްތައް ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.