ޚަބަރު

ފިރުޢައުނުމުދަލާ ހެދި ޔަހޫދީންނަށް 10 މިލިޔަން ޑޮލަރުގެ ގެއްލުން


އިސްރާޢީލުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ފިރުޢައުނުމުދާ ޖަމާވެ، އެ ޤައުމުގެ ފަތުރުވެރި ކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފިއެވެ. މެޑިޓެރޭރިއަން ކަނޑުގެ އިސްރާޢީލުގެ އައްސޭރިފަށަށް އެތައް މިލިޔަން ފިރުޢައުނުމުދަލެއް ދަނީ ޖަމާވަމުންނެވެ.

މި ކަމާ ގުޅިގެން، އެ ޤައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަކުން ދަށްވެފައެވެ. އަދި، މި ކަމުގެ ސަބަބުން ފަތުރުވެރި ކަމުގެ ސިނާޢަތަށް ލިބޭ ގެއްލުން އަހަރު 10 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެ ޤައުމުން ބުނެއެވެ. މީގެ އިތުރުން، ކަނޑުން ލޮނު ނަގައިގެން ފެން އުފައްދާ ޑީސެލިނޭޝަން ޕްލާންޓުތަކަށާއި، މަސްވެރި ކަމަށް ވެސް ފިރުޢައުނުމުދަލުގެ ސަބަބުން ދަނީ ގެއްލުން ލިބެމުންނެވެ.

ފިރުޢައުނުމުދަލުގެ ބައެއް ވައްތަރުތަކަކީ ފިނިހޫނުމިން ގަދަ ކަނޑުގެ ސަރަޙައްދުތަކަށް ޖަމާވާ، އެ ސަރަޙައްދުތަކުގައި ތިޔާގިވާ އެއްޗެކެވެ. އިސްރާޢީލުގެ އައްސޭރިފަށަށް މި ތަކެތި ޖަމާވަމުން ދަނީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށް، މި ކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރެޑް ސީއާއި މެޑިޓެރޭނިއަން ކަނޑު ގުޅައިދޭ ސުއޭޒް ކެނޭލް ހުރަސްކޮށް، މިފަދަ ގިނަ އަދަދެއްގެ ބާވަތްތައް މެޑިޓެރޭނިއަން ކަނޑަށް ދަތުރުކުރާ ކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އިސްރާޢީލުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި މިހާރު ފިރުޢައުނުމުދަލުގެ 17 ބާވަތެއް ދިރިއުޅެއެވެ. މީގެ ތެރެއިން ބައެއް ވައްތަރުތަކަކީ ވިހަގަދަ ޖަނަވާރުތަކެކެވެ.