ޚަބަރު

މިޔަންމާއަށް އާސިޔާންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ


ދިމިޤްރާޠީ ނިޒާމު ކުރިއަރުވަން މަސައްކަތް ކުރި ހަތަރު މީހަކަށް މިޔަންމާގެ ވެރިކަން ކުރާ އަސްކަރީ ސަރުކާރުން މަރުގެ އަދަބު ދިނުމާ ގުޅިގެން ދެކުނާއި އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ގުޅުން ކަމުގައިވާ އާސިޔާންގެ ފާޑުކިޔުންތައް އެ ޤައުމަށް އަމާޒުވެއްޖެއެވެ. އާސިޔާންގެ ރިޔާސަތު ބަލަހައްޓާ ކެމްބޯޑިޔާއިން ނެރުނު ބަޔާނެއްގައި، މިޔަންމާގައި ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަދި، މިޔަންމާގެ އަމަލުތަކުގެ ސަބަބުން ދެކުނާއި އިރުމަތީ އޭޝިޔާގެ ސަރަޙައްދުގެ ސުލްޙަމަސަލަސް ކަން ދަމަހައްޓަން ކުރަމުންދާ މަސައްކަތްތަކަސް ހުރަސް އެޅެމުންދާ ކަމުގައި ވެސް ކެމްބޯޑިޔާއިން ބުންޏެވެ. ހަތަރު މީހުންގެ މަރާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މިޔަންމާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

މިޔަންމާގެ އަމަލުތައް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި، ޤާނޫނާ ޚިލާފަށް ހައްޔަރު ކޮށްފައިވާ އެންމެން މިނިވަން ކުރުމަށް އޭނާ ވަނީ މިޔަންމާގެ އަސްކަރީ ސަރުކާރަށް ގޮވައިލައްވާފައެވެ. އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މިޝޭލް ބެޝެލޭ މި އަމަލުތައް ސިފަ ކުރައްވާފައި ވަނީ އެ ޤައުމުގެ ސަރުކާރުން ފަހަތަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން، މިޔަންމާގެ އަމަލުތައް ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއި އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، ނިއު ޒިލެންޑް، ނޯވޭ، ދެކުނު ކޮރެޔާ އަދި އިނގިރޭސި ވިލާތުގެ އިތުރުން އެމެރިކާ ހިމެނެއެވެ.

މިޔަންމާއިން ބުނީ، މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ ހަތަރު މީހުންނަކީ ޓެރެރިސްޓުން ކަމުގައެވެ. އަދި، އެ މީހުންނަކީ އެ ޤައުމުގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތަރު މީހުން ކަމުގައެވެ. މި ހަތަރު މީހުންގެ މަރާ ގުޅިގެން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ނޭޝަނަލް ޔުނިޓީ ގަވަރމެންޓް (އެން.ޔޫ.ޖީ)އިން ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. އަދި، އެން.ޔޫ.ޖީ.ގެ ރައީސްގެ ތަރުޖަމާނަކު ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ހަރުކަށި އަދަބު ދިނުމަށް ގޮވައިލާފައެވެ.