ޚަބަރު

ލަންކާއިން އަނެއްކާވެސް ޗައިނާގެ އެހީތެރިކަމަށް އެދިއްޖެ


އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާއިން އަނެއްކާ ވެސް ޗައިނާގެ އެހީތެރިކަމަށް އެދިފައިވާ ކަން ހާމަކޮށްފިއެވެ.

ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސްރީލަންކާގެ ސަފީރު ޕަލިތަ ކޮހޮނަ ވިދާޅުވީ ވިޔަފާރިއާއި އިންވެސްޓްމެންޓާއި ފަތުރުވެރިކަމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން ޗައިނާ ސަރުކާރުގައި އެދިފައިވާ ކަމުގައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ޓަކައި 4 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހޯދުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ، 1948 ވަނަ އަހަރު މިނިވަން ކަން ލިބުނު ފަހުން ސްރީލަންކާގެ 22 މިލިޔަން ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާއެވެ. ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމަށް ވަނީ ތެލާއި ކާބޯތަކެތީގެ އިތުރުން ބޭސް ފަދަ ޒަރޫރީ ސާމާނު ހުސްވާން ގާތްވެފައެވެ.

ކޮހޮނަ ވިދާޅުވީ ސްރީލަންކާގައި އުފައްދާ ސައިފަތް، ގަހަނާ، ހަވާދުގެ ބާވަތްތައް، އަދި އަންނައުނުގެ ވިޔަފާރި ޗައިނާގައި އިތުރަށް ފުޅާ ކުރަން ބޭނުންވާ ކަމުގައެވެ. އަދި، އެ ތަކެތި ގަންނަ މިންވަރު އިތުރު ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ބާރު އެޅުމަށް ސްރީލަންކާއިން ބޭނުންވާ ކަމުގައެވެ. މީގެ އިތުރުން، ޗައިނާއަށް މުދާ އެތެރެކުރުމާ ގުޅޭ އިދާރީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާއަށް އިތުރު އިންވެސްޓްމެންޓްތައް ހޯދުމާ ގުޅޭ ގޮތުން ކޮހޮނަ ވިދާޅުވީ، އެ ޤައުމުގެ ވެރިރަށް ކޮލަމްބޯ އަދި ހަމްބަންޓޯޓާގައި ހުންނަ ވިޔަފާރި ބަނދަރުގައި އަދިވެސް އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ހުރި ކަމުގައެވެ. ކޮވިޑް-19ގެ މަލިމަޑުކަމާ ގުޅިގެން އެ ބަނދަރުތަކުގެ މަސައްކަތް މަޑުޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ބޭނުންވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރު އެ ޤައުމަށް 265,000 ޗައިނާގެ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ނަމަވެސް، 2019 ވަނަ އަހަރު އެ ޤައުމުގައި ދިން ބޮމުގެ ހަމަލާއާއި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އެ ޤައުމަށް ޗައިނާގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައެއް ނުވެއެވެ.