ޚަބަރު

ފަރަންސޭސިވިލާތުގައި މަކުނުވިދުރި ޖެހިފައިވާ މީހުންގެ ޢަދަދު 1,700އަށް


ފަރަންސޭސި ވިލާތުގައި މަކުނުވިދުރި ޖެހިފައިވާ މީހުންގެ އަދަދު 1,700 އަށްވުރެ މައްޗަށް އަރާފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ފްރާންސްވާ ބްރައުން ވިދާޅުވީ މި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމުގައެވެ. އަދި، ބަލި ޖެހިފައިވާ ފިރިހެނުންގެ ތެރެއިން ގިނަ މީހުންނަކީ އެއްޖިއްސުން ގުޅުން ހިންގާފައިވާ މީހުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާނުން ވެސް ވަނީ މަކުނުވިދުރީގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ގަވަރުނަރު ޔުރީކޯ ޔޮއީކީ ވިދާޅުވީ، އެ ޤައުމުން މި ބަލި ފެނިފައި ވަނީ ވިލާތުގެ ޤައުމަކަށް ދަތުރު ކުރުމަށްފަހު އެނބުރި އައި މީހެއްގެ ހަށިގަނޑުން ކަމުގައެވެ. އަދި، އުމުރުން 30 އަހަރުގެ މީހާއަށް މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

މަކުނުވިދުރިއަކީ ޢާންމު ޞިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ޖުލައި 23 ވަނަ ދުވަހު ކަނޑައަޅާފައެވެ. މި ބަލި ޖެހިފައިވާ މީހުން ދުނިޔޭގެ 75 ޤައުމަކުން ފެނިފައި ވާއިރު، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 16,000 އަށްވުރެ މައްޗަށް އަރާފައެވެ.

މި ބައްޔަށް ޚާއްޞަ ކޮށްފައިވާ ވެކްސިނަކަށް ވިލާތުގެ ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ. މި ވެކްސިން އުފައްދާފައި ވަނީ ޑެންމާކުގެ ބޭސްވެރިކަމާ ބެހޭ ކުންފުންޏެއް ކަމުގައިވާ ބަވޭރިއަން ނޯޑިކްއިންނެވެ. މި ވެކްސިނަށް އެމެރިކާއާއި ކެނެޑާގެ ޞިއްޙީ އިދާރާތަކުން ވެސް ވަނީ ހުއްދަ ދީފައެވެ.