ޚަބަރު

އޮސްޓްރޭލިޔާގައި އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ރެކޯޑު ޢަދަދަކަށް


އޮސްޓްރޭލިޔާގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އުފުލިއްޖެއެވެ. އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 5,450 އަށްވުރެ މައްޗަށް އަރާފައެވެ. މި ކަމާ ގުޅިގެން، އެ ޤައުމުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ވަނީ ބުރަ ބޮޑުވެފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އޮސްޓްރޭލިޔާގައި ވެސް މިހާރު ފެތުރެމުން ދަނީ ކޮވިޑްގެ ވޭރިއެންޓެއް ކަމުގައިވާ އޮމިކްރޯންގެ ދެ ސަބް-ވޭރިއެންޓެކެވެ. އެ ޤައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަށް މި ބަލި ޖެހިފައި ވަނީ ބީއޭ.4 އަދި ބީއޭ.5 ސަބް-ވޭރިއެންޓްގެ ސަބަބުންނެވެ.

މިއާއެކު، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. ހުސްވި ހަފުތާ ބަންދުގައި ދުވާލެއްގެ މައްޗަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. މި ވަގުތު އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ އުމުރުން ދުވަސްވީ. މީހުން ބަލާ މަރުކަޒުތަކުގައި ކަމަށް އޮސްޓްރޭލިޔާއިން ބުނެއެވެ.

މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ފެތުރެން ފެށީއްސުރެ މި ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު އޮސްޓްރޭލިޔާގައި މިހާ މައްޗަށް ދިޔަ ދެވަނަ ފަހަރެވެ. މި އަދަދު މީގެ ކުރިން އެންމެ މައްޗަށް އަރާފައި ވަނީ އޮމިކްރޯން ވޭރިއެންޓް ފެތުރެން ފެށުމާ އެކު މި އަހަރުގެ ޖަނަވަރީ މަހުއެވެ. އެ ފަހަރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހުންގެ އަދަދު 5,390 އަށް އެރިއެވެ.

އޮސްޓްރޭލިޔާއަކީ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ވެކްސިން ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެކެވެ. އެ ޤައުމުގެ އާބާދީގެ 95 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައެވެ. އަދި، ބޫސްޓަރ ޖޯޒް ޖަހާފައިވާ އާބާދީގެ އިންސައްތަ 71 އަށް އަރައެވެ.