ޚަބަރު

ލަންކާއިން ތެޔޮ އެތެރެކުރާ މިންވަރު ހިފަހައްޓަނީ


ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ސްރީލަންކާއަށް ތެޔޮ އެތެރެ ކުރާނީ ކޮންޓްރޯލު މިންގަނޑެއްގައި ކަމުގައި އެ ޤައުމުގެ ހަކަތަޔާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. އެ ޤައުމަށް ތެޔޮ އެތެރެ ކުރާ މިންގަނޑު ކޮންޓްރޯލް ކުރުމަށް ނިންމާފައި މި ވަނީ، އެ ޤައުމަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

އެ ޤައުމުގެ ހަކަތަޔާ ބެހޭ ވަޒީރު ކަންޗަނާ ވިޖެސޭކެރަ ވިދާޅުވީ ތެޔޮ އެތެރެކުރާ މިންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ނިންމާފައި ވަނީ އެ ޤައުމުގެ މާލީ ހާލަތު އޮތް ގޮތުން ކަމަށާއި، ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، އެއާއެކު ތެޔޮ އެތެރެކުރާ މިންވަރު ހިފެހެއްޓުން ދޫކޮށްލާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ބޭރު ފައިސާގެ ރިޒާވް ހުސްވެ، ތެލާއި ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ސާމާނު ހުސްވާން ކައިރިވުމުން އެ ޤައުމުން ވަނީ ޢާންމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް، އަލަށް ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވަނީ އެ މިންގަނޑުތައް ދޫކޮށްލައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ސްރީލަންކާގެ ކާރިސާއާ ގުޅިގެން ފެށި މުޒާހަރާތަކާ އެކު މުޅި ޤައުމު ހުއްޓުމަކަށް އައެވެ. އަދި، މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ސްކޫލުތައް މި ހަފުތާގައި ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް، ސަރުކާރު މުވައްޒަފުން ކުރިއަށް އޮތް މަހެއްހާ ދުވަހު ގޭގައި ތިބެ މަސައްކަތް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.