ޚަބަރު

އިންތިހާބަކާއި ނުލައި އަހުމަދާއި ވަހީދު މަޤާމަށް ހޮވިއްޖެ


އިންތިހާބުކުރަންޖެހޭ އަދަދަށް ބޭފުޅުން ކުރިމަތިލެއްވުމުން އެމްޑީޕީގެ ޗެއަރޕާސަން ނާއިބުގެ ދެ މަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުން ވޯޓަކާއި ނުލައި އެ މަޤާމުތަކަށް ހޮވިއްޖެއެވެ.

އެމްޑީޕީން ވަނީ އަންނަ އޮކްޓޯބަރު 25 ވަނަ ދުވަހު ދައުރު ހަމަވާތީ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިދިޔަ ހޯމަދުވަހު ހުޅުވާލާފައެވެ.

އެމްޑީޕީން ބުނީ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އިއްޔެ ހަމަވިއިރު އެ ދެ މަގާމަށްވެސް ބޭފުޅުން ކުރިމަތިލައްވާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށްކަމަށެވެ. އެގޮތުން ޗެއާޕާސަންގެ ނައިބު އިދާރީގެ މަޤާމަށް ކުރިމަތިލެއްވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މަތި އުތުރު ޕްރޮވިންސްގެ އެމްޑީޕީގެ ރައީސް އިބްރާހިމް ވަހީދު އެކަންޏެވެ. އެ މަގާމުގައި މިހާރު ހުންނެވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ އިތުުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމާފައެވެ.

ޗެއާޕާސަންގެ ނައިބު މާލީގެ މަޤާމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެކަންޏެވެ.

އިބްރާހިމް ވަހީދު އާއި އަހުމަދު އަބްދުﷲ ޗެއާޕާސަންގެ ނައިބުގެ މަޤާމުތަކަށް ވޯޓަކާއި ނުލައި ހޮވިފައިވާއިރު، އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ވާދަކުރެއްވިނަމަ އެމްޑީޕީން ނިންމާފައި އޮތީ އަންނަ މަހުގެ 19 ގައި ފަށާ ޕާޓީގެ ކޮންގްރެސްގައި އެ އިންތިހާބު ކުރިއަށްގެންދިއުމަށެވެ.