ޚަބަރު

6 އަހަރު ފަހުން މޯނާ ސިންގް ޑްރާމާ ސީރީޒަކުން


2003 ވަނަ އަހަރު ސޮނީ އެންޓެޓައިންމަންޓުން ގެނެސްދިން ކާމިޔާބު ޑްރާމާ ސީރީޒް "ޖެސީ ޖެސީ ކޮއި ނެހީ" އިން މަޝްހޫރުވި މޯނާ ސިންގް 6 އަހަރު ފަހުން އަނެއްކާވެސް ސްކްރީނުން ފެންނަން ތައްޔާރުވެއްޖެއެވެ.

މޯނާ ސިންގްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ "ޕުޝްޕާ އިމްޕޮޒިބްލް" ކިޔާ ޝޯވއެކެވެ. މޯނާ އެންމެ ފަހުން ފެނުނީ ކަލާސް ޓީވީން 2016 ވަނަ އަހަރު ގެނެސްދިން "ކަވާޒް ކާލީ ޝަކްތިޔާ ސޭ" އިންނެވެ.

"ޕުޝްޕާ އިމްޕޮޒިބްލް" ގެ ޝޫޓިންވެސް މިހާރު މޯނާ ވަނީ ފަށާފައެވެ. މި ސީރީސްގައި މޯނާ ފެންނާނީ ވަކީލެއްގެ ރޯލުންނެވެ. ދާމިނީ ކިޔާ ވަކީލެއްގެ ރޯލުން މޯނާ ފެންނައިރު މިއީ ވަކީލެއްގެ ރޯލުން އޭނާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ސީރީޒްގައި މޯނާ ފެންނާނީ ކެމިއޯ ރޯލަކުންނެވެ. ކެމިއޯ ރޯލަކުން ފެންނަނީ ވަގުތު ނެތުމުން ކަމަށްވެސް މޯނާ ބުނެއެވެ.

މަޝްހޫރު ޑާންސް ރިއަލިޓީ ޝޯވ "ޖަލަކް ދިކް ލާޖާ" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި މޯނާ ވަނީ "ކިޔާ ހުވާ ތޭރާ ވާދާ"، "ޕިޔާރު ކޯ ހޮނާ ދޯ" ފަދަ ޓީވީ ޑްރާމާ ސީރީޒްތަކުން ފެނިފައެވެ. މީގެއިތުރުން ރާޖް ކުމާރު ހިރާނީގެ ކޮމެޑީ ޑްރާމާ ފިލްމު "ތްރީ އިޑިއަޓްސް" އިން މޯނާ ވަނީ ބޮލީވުޑަށްވެސް ތައާރަފްވެފައެވެ.

އޭގެފަހުން މިހާރު ރިލީޒްކުރުމުގެ މަގުމަތީގައި އޮތް އާމިރުޚާންގެ "ލާލް ސިންގް ޗައްޑާ" އިންވެސް މޯނާ ފެންނާނެއެވެ. އެކްޓިންގެ އިތުރުން މޯނާ ވަނީ "ކޮމެޑީ ނައިޓްސް ލައިވް" އަދި "އެންޓަޓެއިންމެންޓު ކޭ ލިޔޭ ކުޗް ބީ ކަރޭގާ" ފަދަ ޝޯވތައްވެސް ހުށަހަޅާފައެވެ.