ޚަބަރު

އަމީތާބުގެ "ކޭބީސީ" އަންނަ މަހު ފަށަނީ


ބޮލީވުޑް ސުޕަރސްޓަރ އަމީތާބު ބައްޗަން ހުށަހަޅައިދޭ ޝޯވ "ކޯން ބަނޭގާ ކްރޯޑް ޕަތީ" ކޭ.ބީ.ސީގެ ޓީޒާ ސޯޝަލް މީޑިއާގައި ދައުރުވާތާ ކުޑަ ދުވަސްކޮޅެއް ވެއްޖެއެވެ.

ސޮނީ ޓީވީން ދައްކާ މި ޝޯވ ފަށާނެ ދުވަހެއް ޓީޒާ ދައްކާލިއިރުވެސް ސޮނީއަކުން ނުބުނެއެވެ. ނަމަވެސް މިހާރު މިވަނީ މި ޝޯވ ފަށާނެ ދުވަސް އިއުލާނުކޮށްފައެވެ.

އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް ފަށާ "ކޭބީސީ" ގެ 14 ވަނަ ސީޒަން ޕްރިމިއާ ކުރާނީ އަންނަ މަހު 7 ވަނަ ދުވަހުއެވެ. އަދި ޝޯވގެ ފުރަތަމަ ހަފްތާ ޚާއްސަކުރާނީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކަށެވެ. ޝޯވ ފަށާ ދުވަސް ސޮނީއިން އިއުލާނުކުރީ ޕްރޮމޯ އަކާއެކުގައެވެ.


ކޭ.ބީ.ސީގެ 13 ވަނަ ސީޒަން ގެނެސްދިނީ 2021 ވަނަ އަހަރު އޯގަސްޓް 28 އިން ފެށިގެން ޑިސެމްބަރު 17 އަށެވެ. މިދިޔަ އަހަރުގެ ސީޒަނަކީ "ކޭބީސީ" ގެ 1،000 ވަނަ އެޕިސޯޑްވެސް ހަމަވި އަހަރެވެ.

މިކަން ފާހަގަކުރުމުގެގޮތުން ޝޯވގެ އެޕިސޯޑެއް އަމީތާބަށް ޚާއްސަކުރުމުގެ ގޮތުން އޭނާގެ އާއިލާގެ ބަޔަކުވެސް ޝޯވގައި ބައިވެރިވިއެވެ. އެއީ އަންހެނުން ޖަޔާ ބައްޗަނާއި، އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ އިތުރުން ކާފަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާއެވެ.

2000 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ މި ޝޯވ އަކީ މަޝްހޫރު އިނގިރޭސި ޝޯވ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ" ގެ ހިންދީ ވާޝަނެވެ. އަދި މިއީ އިންޑިއާގެ ޓީވީ ސްޓޭޝަނުން ދައްކާ އެންމެ އަގުބޮޑު އެއް ޝޯވވެސްމެއެވެ.

ކޭ.ބީ.ސީއަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އޭގައި ބައިވެރިވެގެން ފައިސާގެ ބޮޑެތި އިމާނުތަކެއް ލިބޭ ޝޯވއެކެވެ. މި ޝޯވގެ ސަބަބުން އިންޑިއާގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް މިހާތަނަށް އައިސްފައިވާކަން މި ޝޯވގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.