މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުން، އެރަށުގެ ފަގީރުންނަށް ދޭންޖެހޭ ޒަކާތު ފައިސާ އަދާކުރިކަން އިސްލާމިކް މިނިސްޓްރީން އޮތީ ކަށަވަރުކުރައްވާފައިކަމަށް އެމިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ޒަކާތާ ގުޅިގެން އެނިސްޓްރީއަށް ހުށަހަޅަންޖެހޭ ރިޕޯޓާއި ލިޔެކިޔުންތައް ދުވާފަރު ކައުންސިލުން ހުށަހަޅާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީންވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރުއްވާފައެވެ. އެއީ ރ.ދުވާފަރުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ކައުންސިލުން ޚިޔާނާތްތެރިވެފައިވާކަމަށް ދެެވޭ ވާހަކައާއި، އިސްލާމިކް މިިނިސްޓްރީން އެކަން ބަލަމުން ނުދާކަމަށްބުނެ ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެނިސްޓްރީން ވިދާޅުވީ ދުވާފަރު ކައުންސިލުން 2022ވަނަ އަހަރުގެ ފިޠުރު ޒަކާތާއި 2021ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ޙައްޤުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު، ފޮނުވަންޖެހޭ ތާރީޚުގައި ފޮނުވާފައިވާކަމަށެވެ. މި ލިޔެކިޔުމަކީ ޒަކާތުގެ ޙައްޤުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން އެނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއްކަމަށް އިސްލާމިކް މިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.
ޒަކާތުގެ ފައިސާއާމެދު ޢާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، ޢާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭގޮތަށް ޚަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.