ޚަބަރު

ފަސް މަހުގެ ތެރޭގައި 900 ޞިއްޙީ ފަރުވާދޭ މަރުކަޒަށް ހަމަލާދީފި


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައަށް އާދީއްތަ ދުވަހު ފަސް މަސް ފުރިފައިވާއިރު، މިހާތަނަށް 900 އަށްވުރެ ގިނަ ހޮސްޕިޓަލާއި ޞިއްޙީ ފަރުވާދޭ މަރުކަޒަށް ހަމަލާދީފައިވާ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ރަޝިޔާ ސިފައިން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މަރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ. އަދި، 50 އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ވަނީ ޒަޚަމްވެފައެވެ. ޔޫކްރެއިނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ރަޝިޔާގެ ހަމަލާތަކުގައި 123 އަށްވުރެ ގިނަ ޞިއްޙީ ފަރުވާދޭ މަރުކަޒު ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ.

ރަޝިޔާގެ ހަމަލާތަކުގައި 746 އަށްވުރެ ގިނަ ޞިއްޙީ ފަރުވާދޭ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަރާމާތު ކުރަން ޖެހިފައިވާ ކަމުގައި ވެސް ޔޫކްރެއިނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ޔޫކްރެއިނުގެ ޢާންމު ރައްޔިތުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ރަޝިޔާ ސިފައިން ގަސްދުގައި ހަމަލާ ދެމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި ނަމަވެސް، ރަޝިޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.

ރަޝިޔާއިން މީގެ ފަސް މަސް ކުރިން “ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް” ހިންގުމުގެ ނަމުގައި ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި އެ ޤައުމުގެ އިރުމަތީގެ ދޮންބެސްގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އަދި، އެހެން ސަރަޙައްދުތައް ހިފުމަށް މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.