ޚަބަރު

ކަނޑުމަގުން އެމެރިކާއަށް ހިޖުރަކުރަން އުޅުނު 17 މީހުން މަރުވެއްޖެ


ކަނޑުމަގުން އެމެރިކާއަށް ވަގަށް އެތެރެވާން މަސައްކަތްކުރި ބަޔަކު ގޮވައިގެން ދަތުރު ކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހައިލާ، އޭގައި ދަތުރު ކުރަމުންދިޔަ މީހުންގެ ތެރެއިން 17 މީހުން މަރުވެއްޖެއެވެ. ހެއިޓީ ރައްޔިތުންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ މި ބޯޓު ބަންޑުންޖަހައިލާފައި ވަނީ ބަހާމާސްގެ އައްސޭރިފަށުގެ ސަރަޙައްދެއްގައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. ބަހާމާސްގެ ބޮޑުވަޒީރު ފިލިޕް ޑޭވިސް ވިދާޅުވި، ބޯޓު ބަންޑުންޖަހައިލީ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން 25 މީހުން ސަލާމަތް ކުރެވުނު ކަމުގައެވެ. މި ހާދިސާއާ ގުޅިގެން ބަހާސްގެ ދެ ރައްޔިތުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އެ މީހުންނަކީ އެމެރިކާއަށް ވަގަށް ހިޖުރަކުރުމުގެ ޚިދުމަތް ހެއިޓީގެ ރައްޔިތުނަށް ފޯރުކޮށްދޭ ގޭންގެއްގެ ދެ މީހުން ކަމުގައި ވެސް ޑޭވިސް ވިދާޅުވިއެވެ.

ބޯޓުގައި 60 ވަރަކަށް މީހުން ދަތުރު ކުރި ކަމަށް ބެލެއެވެ. އަދި، ކަނޑަށް ގެއްލިފައިވާ ކަމަށް ޤަބޫލު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެ. ބޯޓު ދަތުރު ކުރަމުން ގޮސްފައި ވަނީ އެމެރިކާގެ މަޔާމީއަށް ކަމަށް ބެލެވެއެވެ. އޭގައި ތިބި މީހުން އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކޮށްފައި ވަނީ، ހެއިޓީގައި ހިނގަމުންދާ ގޭނގު މާރާމާރީތަކާއި ފަގީރުކަމުން ސަލާމަތްވުމުގެ ބޭނުމުގައެވެ.

ހެއިޓީ ރައްޔިތުން ވަގަށް އެމެރިކާއަށް ހިޖުރަކުރުމަށް ބަހާމާސްއަކީ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ބޭނުން ކުރެއެވެ. ބަހާމާސްގެ ހިޖުރަކުރުމާ ބެހޭ ވަޒީރު ކީތް ބެލް ވިދާޅުވީ، ބަންޑުންޖަހައިލި ބޯޓުގައި ތިބި ކޮންމެ މީހަކު، އެމެރިކާއަށް ހިޖުރަކުރުމަށް 3,000 އާއި 8,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއް ދައްކާފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ.

ހެއިޓީއިން އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކުރި 842 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ބޯޓެއް މިދިޔަ މޭ މަހުގެ ތެރޭގައި ބެހިގެން ގޮސް ކިޔުބާގެ އުތުރުގެ އައްސޭރި ފަށުން ފެނިފައިވެއެވެ. އެ މަހުގެ ތެރޭގައި ޕޯޓޮރީކޯ ކައިރިން ދަތުރު ކުރަމުންދިޔަ މި ފަދަ ބޯޓެއް ބަންޑުންޖަހައިލުމުގެ ސަބަބުން 11 މީހުން ކަނޑުވެގެން މަރުވިއެވެ.