ސްރީލަންކާގެ ކުރީގެ ރައީސް ގޮޔަބަޔަ ރާޖަޕަކްސަ ހައްޔަރު ކުރުމަށް ގޮވައިލާ ސިންގަޕޫރުގެ ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުޤީޤު ކުރަމުންދާ ޖަމުޢިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް ޓްރުތް އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައި.ޓީ.ޖޭ.ޕީ) އިންނެވެ.
ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން 2009 ވަނަ އަހަރު، ޖެނީވާ ކޮންވެންޝަނާ ޚިލާފު އެތަކެއް ޖަރީމާތަކެއް ރާޖަޕަކްސަ ހިންގެވި ކަމުގައި އެ ޖަމުޢިއްޔާއިން ތުހުމަތު ކުރެއެވެ. އެއިރު އޭނާ ހުންނެވީ އެ ޤައުމުގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައެވެ.
”މިއީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަކާ ގުޅޭ މައްސަލައަށް ވާތީ، މި މައްސަލަ ސިންގަޕޫރުގައި ބެލޭނެ ކަމަށް ޤަބޫލު ކުރަން. މި މައްސަލަ އެ ޤައުމުގެ ބަންޑާރަ ނައިބު އޮފީހަށް ހުށަހަޅާފައި ވަނީ ސާބިތު ހިފޭ މަޢުލޫމާތާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ފަހަތުގައި އޭނާ ހުންނެވި ކަން ސާބިތު ކުރެވޭ ހެއްކާއި ޤަރީނާއާ އެކު،“ މި މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ޤާނޫނީ ވަކީލެއް ކަމުގައިވާ އެލެގްޒެންޑްރާ ލިލީ ކެތަރ ބުންޏެވެ.
ޤައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންނެވުމަށް ފަހު ރާޖަޕަކްސަ މިހާރު ހުންނެވީ ސިންގަޕޫރުގައެވެ. މި މަހުގެ 13 ވަނަ ދުވަހު އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ، ޤައުމުގެ މާލިއްޔަތު މެނޭޖު ކުރުމުގައި ނާގާބިލުވެ، އެ ޤައުމަށް އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. އޭނާ އިސްތިޢުފާގެ ސިޓީ ހުށަހަޅުއްވާފައި ވަނީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ.
އައި.ޓީ.ޖޭ.ޕީ.އިން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާޖަޕަކްސަ އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމުގައި އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ. ސިންގަޕޫރުގެ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އައި.ޓީ.ޖޭ.ޕީ.ގެ މައްސަލަ ލިބިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.