ކުވެޢިތުގެ ބޮޑުވަޒީރުގެ މަޤާމަށް އަމީރު ޝައިޚް ނަވާފް އަލްއަޙްމަދު އަލްޞަބާޙުގެ ދަރިކަލުން ޝައިޚް އަޙްމަދު ނަވާފް އަލްޞަބާޙް ޢައްޔަން ކުރައްވައިފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ވަލީއަޙުދު ޝައިޚް މިޝާލް އަލްއަޙްމަދު އަލްޞަބާޙު ނެރުއްވި ޤަރާރެއްގައެވެ.
ކުވެޢިތުގެ ބޮޑުވަޒީރުގެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ ޝައިޚް ޞަބާޙް އަލްޚާލިދެވެ. އޭނާ އެ މަޤާމު ދޫކޮށްލައްވަން ނިންމެވީ، މާލީ އިސްލާހުތަކެއް ގެނައުމާ މެދު އެ ޤައުމުގެ އިންތިޚާބީ ޤާނޫނު ހަދާ މަޖިލީހާއި ސަރުކާރާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ.
ކުވެޢިތުގެ ވަލީއަޙުދު މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވައިލައްވާފައެވެ. އަދި، އައު އިންތިޚާބެއް އިޢުލާނު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ސަރުކާރާ ދެކޮޅު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ މި ނިންމެވުމަށް މަރުޙަބާ ކިޔާފައެވެ.
ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަން ކުރެއްވި ޝައިޚް އަޙްމަދު ކުރިން ހުންނެވީ ބޮޑުވަޒީރުގެ ނައިބާއި ދާޚިލީ ވަޒީރު ކަމުގެ މަޤާމުގައެވެ. ވަލީއަޙުދާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގައި އޭނާ ވަނީ އޭޕްރިލް މަހުގެ ތެރޭގައި، ސަރުކާރުގެ އެހެން ވަޒީރުންނާއެކު އިސްތިޢުފާ ދެއްވާފައެވެ.
އުމުރުން 60 އަހަރުގެ ޝައިޚް އަޙްމަދު އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރައްވާފައި ވަނީ ކުވެޢިތުގެ ފުލުހުންގެ އިދާރާގައެވެ. އަދި އެއަށްފަހު ދާޚިލީ ވުޒާރާއާ ގުޅިވަޑައިގެންނެވިއެވެ. އަމީރު ޝައިޚް ނަވާފް އަލްއަޙްމަދު ކުވެޢިތުގެ ވެރިކަމާ 2020 ވަނަ އަހަރު ހަވާލުވެ ވަޑައިގަތުމަށް ފަހު، އެ ޤައުމުގެ ނޭޝަނަލް ގާޑުގެ އިސްވެރިޔާގެ ނައިބުގެ މަޤަމަށް ޝައިޚް އަޙްމަދު ޢައްޔަން ކުރެއްވިއެވެ. ބޮޑުވަޒީރުގެ ނައިބާއި ދާޚިލީ ވަޒީރު ކަމުގެ މަޤާމަށް އޭނާ ޢައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ މާރިޗު މަހުގައެވެ.