ޚަބަރު

"ބްލެކް ޕެންތާ 2" ޓީޒާ ވަރަށް ޝައުގުވެރި


މިއަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ މާވެލް ސްޓޫޑިއޯސްގެ "ބްލެކް ޕެންތާ" ގެ ސީކުއެލްގެ ޓީޒާ ދައްކާލައިފިއެވެ. މި ޓީޒާ ދައްކާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމާލާފައިވާ ކޮމިކް ކޮން 2022 ގައެވެ.

"ބްލެކް ޕެންތާ: ވަކަންޑާ ފޯ އެވާ" ގެ ނަން ދީފައިވާ ފިލްމުގެ ޓީޒާ ގެނެސްދީފައިވަނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާގޮތަކަށެވެ. މި ސީކުއަލް ގެނެސްދީފައިވަނީ ފުރަތަމަ ބައިގައި ގެނެސްދިން ހާދިސާތަކާ ގުޅުވައިގެންނެވެ.


2018 ގެ "ބްލެކް ޕެންތާ" ގެ މައިގަނޑު ރޯލު ކުޅުނު އެކްޓަރު ޗަޑްވިކް ބޯސްމަން ފެންނަ ކުރެހުމެއްވެސް ޓީޒާގައި ވަނީ ދައްކާލާފައެވެ. ޗަޑްވިކް ވަނީ 2020 ވަނަ އަހަރު ގައި ކެންސަރު ބަލީގައި މަރުވެފައެވެ. ޓްރެއިލާ ފަށަނީ ބޯސްމަނަށް ދީފައިވާ ޓްރިބިއުޓަކުންނެވެ.

އަންނަ ނޮވެމްބަރުމަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ފުރަތަމަ ބައިވެސް ލިޔެ ޑައިރެކްޓުކުރި ރަޔަން ކޫގްލާއެވެ. "ބްލެކް ޕެންތާ: ވަކަންޑާ ފޯ އެވާ" ގައި ކުރީގެ ބައެއް ކާސްޓުންނާއެކު އިތުރު އައު ބޮޑު ކާސްޓެއްވެސް ފެންނާނެއެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ، ވިސްޓަން ޑޫކް، އެންޖެލާ ބެސޭ އަދި ޑާނިއާ ގްރީރާ ފަދަ ތަރިން ހިމެނެ އެވެ.

"ބްލެކް ޕެންތާ" ގައި ވަކާބީ ގެ ރޯލުން ފެނުނު ޑޭނިއަލް ކަލުޔާ މި ސީކުއަލް އިން ނުފެންނާނެ ވާހަކަ މީގެކުރިން ވަނީ އަޑުއިވިފައެވެ. މި ވާހަކަތައް ޑޭނިއަލް ވަނީ ޔަޤީންވެސް ކޮށްދީފައެވެ.

އެފްރިކާ ބައްރުގައި އޮންނަ ހިޔާލީ ރަށެއް ކަމަށްވާ ވަކަންޑާގެ ރަސްކަމުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ކިޔައިދިން "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.