ޚަބަރު

މަންކީޕޮކްސް ރާއްޖެއަށް އައުމުގެ ފުރުޞަތު އެބައޮތް: އެޗްޕީއޭ


ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އޮތުމާއެކު ބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ،އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އައުޓްބްރޭކަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި ނުވަތަ ޕަބްލިކް ހެލްތް އިމާޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅުމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކޯވިޑް-19 ފަދަ ބައްޔަކާ އަޅާ ބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވިއެވެ.

މުޖްތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މަންކީ ޕޮކްސް ފެތުރެން ފެށުމުން ދުނިޔޭގައި އެ ބަލި ފެތުރެމުންދާ ގޮތް މޮނިޓާކޮށް ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. އަދި ސާވެއިލެންސް ހަރުދަނާ ކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާއެކު ވެކްސިނާއި ބޭސް ލިބޭނެ ގޮތްވެސް ބަލަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ގޮށްލުން އަދި ހަމުގައި ބިހި ނެގުން ހިމެނެއެވެ. އަދި ބިހި ގިނައިން ފެންނަނީ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތް އަދި އަނގައިގެ ވަށައިގެންނެވެ. ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް، އެއަށް ފަހު ފެންފޮޅަށްވެ ފޮޅު ފަޅައިގެން ގޮސް ކުރަލައެވެ.

މަންކީ ޕޮކްސް މިހާތަނަށް 72 ގައުމަކުން ވަނީ ފެނިފައެވެ. އަދި 14،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މި ބަލީގައި މިހާތަނަށް 5 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައެވެ. ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދީންގެ މެދުގައިވެސް މަދު މަދުން މި ބަލި ދަނީ ފެތުރެމުންނެވެ.