ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: އެމެރިކާގެ ދެ ރައްޔިތުން މަރުވެއްޖެ


ޔޫކްރެއިނުގައި އިރުމަތީގައި ހުއްޓުމެއް ނެތި ހަނގުރާމަ ހިނގަމުންދާ ދޮންބެސް ސަރަޙައްދުގައި އުޅެނިކޮށް އެމެރިކާގެ ދެ ރައްޔިތަކު މަރުވެފައިވާ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. މި ދެ މީހުންގެ މަރާ ގުޅިގެން ޚާރިޖީ ވުޒާރާއިން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މަރުވެފައިވާ ދެ މީހުންގެ ޢާއިލާއާ އެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، ޢާއިލާތަކަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކަމުގައި އެ ވުޒާރާގެ ތަރުޖަމާނެއް ބުންޏެވެ.

ޔޫކްރެއިނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނާ އެއް ސަފެއްގައި ހުޅަނގުގެ ބައެއް ޤައުމުތަކުގެ ރައްޔިތުން ދަނީ ކުލީ ސިފައިންގެ ގޮތުގައި ބައިވެރިވަމުންނެވެ. މީގެ ތެރޭގައި އެމެރިކާ ރައްޔިތުން ވެސް ހިމެނެއެވެ. މި ގޮތަށް ކުލީ ސިފައިންގެ މީހެއްގެ ގޮތުގައި ހަނގުރާމައިގައި ބައިވެރިވި އެމެރިކާ މީހަކު މޭ މަހުގެ ތެރޭގައި ވެސް މަރުވިއެވެ. ފަހުން މަރުވެފައިވާ ދެ މީހުންނަކީ ވެސް ކުލީ ސިފައިންނާ ގުޅިގެން ހަނގުރާމައިގައި ބައިވެރިވި ދެ މީހުން ކަމުގައި ބެލެވެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އޭނާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައަށް މިއަދު ފަސް މަސް ފުރޭއިރު، އޭނާގެ ފައުޖުތަކުން ވަނީ ޔޫކްރެއިނުގެ އިރުމަތީގެ ބޮޑު ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. މީގެ ތެރޭގައި ދޮންބެސް އެކުލެވިގެންވާ ލުހާންސްކާއި ދޮނެޓްސްކުގެ ގިނަ ރަށްތައް ހިމެނެއެވެ.

އެ ސަރަޙައްދުތަކާ ދުރުގައިވާ ހިސާބުތަކަށް ވެސް ރަޝިޔާއިން މިހާރު ދަނީ ބަރުހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދެމުންނެވެ. މި ގޮތުން، ރޮކެޓާއި މިސައިލްގެ އިތުރުން އާޓިލާ ބަޑި ދަނީ ބޭނުން ކުރަމުންނެވެ. އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިނުގެ މެދުތެރޭގެ ސަރަޙައްދުތަކަށެވެ.

މެދުތެރޭގައިވާ ކިރޮވްހްރެޑް ސަރަޙައްދަށް ރަޝިޔާއިން އެންމެ ފަހުން ދިން މިސައިލް ހަމަލާތައް އަރާފައި ވަނީ އަސްކަރީ ވައިގެ ބަނދަރަކަށާއި، ކަރަންޓުގެ ޚިދުމަތްދޭ ސަބް-ސްޓޭޝަނަކާއި، ރޭލު ދަތުރުފަތުރުގެ ޚިދުމަތާ ގުޅޭ ބިނާ ތަކަކަށެވެ. މި ހަމަލާތަކުގައި ތިން މީހުން މަރުވިއެވެ.

އެ ސަރަޙައްދުގެ ގަވަރުނަރު އަންދްރޭ ރައިކޮވިޗް ވިދާޅުވީ، މި ހަމަލާތަކުގައި މަރުވި ދެ މީހުންގެ ތެރޭގައި ކަރަންޓުގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރާ ދެ ގާޑުން ހިމެނޭ ކަމުގައެވެ. މަރުވި ތިންވަނަ މީހަކީ ސިފައިންގެ މީހެކެވެ. އަދި، މި ހަމަލާތަކުގައި އިތުރު ނަވާރަ މީހަކު ޒަޚަމްވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މީގެ ތެރޭގައި ކިރޮވްހްރެޑްގެ މަރުކަޒީ ވެރިރަށް ކްރޮޕޭވިނިޓްސްކީ ވެސް ހިމެނެއެވެ.