އީރާނުން އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު މެކުހަށްޖަހާފައިވާ ކަމަށް އެޓޮމިކް ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ބުނެފައިވާ ދަނޑިވަޅެއްގައި، ފަރަންސޭސި ވިލާތުން އީރާނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން 2015 ވަނަ އަހަރު އެކުލަވައިލި އެއްބަސްވުން އަލުން އިޔާދަކުރުމަށް ހުޅަނގުގެ ބާރުތަކުން ދަނީ އެ ޤައުމަށް ބާރު އަޅަމުންނެވެ.
މި އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތުގެ ދުވެއްޔާ މެދު ފަރަންސޭސި ރައީސް އެމަނުއެލް މެޚްރޯން ވަރަށް ބޮޑަށް ނުރުހުންވެފައި ހުންނެވި ކަމުގައި ފަރަންސޭސި ވިލާތުގެ ރިޔާސީ ގަނޑުވަރުން ބުނެއެވެ. އަދި، މިކަމާ ގުޅިގެން އީރާނުގެ ރައީސް އިބްރާހީމް ރައީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ކަމުގައި ވެސް އެ ގަނޑުވަރުން ބުނެއެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކުގައި އައި.އޭ.އީ.އޭ.އިން ޤާއިމުކޮށްފައިވާ މޮނީޓަރު ކުރާ ސާމާނު އީރާނުން ވަނީ ޖޫން މަހު ނަގަން ފަށާފައެވެ. އަދި، ނިއުކްލިޔަރ ހަތިޔާރު އުފެއްދޭ މިންވަރަށް އެ ޤައުމުން މިހާރު ޔުރޭނިއަމް މުއްސަނދި ކުރަމުންދާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.
ފަރަންސޭސި ރިޔާސީ ގަނޑުވަރުން ބުނީ، އެއްބަސްވުމަށް އަލުން ރުޖޫޢަވުމަކީ އީރާނާއި ހުޅަނގާ ދެމެދު ޖެހިފައިވާ އޮތް މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައި މެޚްރޯން ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި، ލަސް ނުކޮށް އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް މަސައްކަތް ކުރެއްވުމަށް އީރާނުގެ ރައީސަށް މެޚްރޯން ގޮވައިލައްވާ ކަމުގައެވެ.
އަދި، އީރާނުން ހައްޔަރުކޮށްފައިވާ ފަރަންސޭސި ވިލާތުގެ ހަތަރު ރައްޔިތުން މިނިވަން ކުރުމަށް ވެސް މެޚްރޯން އީރާނުގެ ރައީސަށް ގޮވައިލައްވާފައިވާ ކަމުގައި ފަރަންސޭސި ރިޔާސީ ގަނޑުވަރުން ބުނެއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުން ރޫޅުނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ.