ޚަބަރު

އީރާނުގައި ފެންބޮޑުވެ 22 މީހުން މަރުވެއްޖެ


އީރާނުގެ ބައެއް ސަރަޙައްދުތަކަށް ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހި، ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ފާރްސް ޕުރޮވިންސުގައެވެ.

ފާރްސްގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް ޢަބްދުالله ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން އެކަކު ގެއްލިފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މަގުތަކުގައި ފެންބޮޑުވެ، ކާރުތަކުގެ ތެރޭގައި ބަންދުވި 55 މީހަކު ސަލާމަތް ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެސްތަބާން ކިޔާ ރަށަކަށެވެ. އެ ރަށުގެ ކޯރެއް ކަމުގައިވާ ރުދްބާލް ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން ގިނަ ސަރަޙައްދުތަކެއްގައި ފެން ބޮޑުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން އީރާނުގެ ބައެއް ސަރަޙައްދުތަކަށް ވަނީ ހަނަފަސްކަމާ ކުރިމަތިވެފައެވެ. އަދި، ފެންބޮޑުވުމުގެ ހާދިސާ ހިނގާފާއި ވަނީ، ހަނަފަސްވުމުގެ ސަބަބުން ބިމުގެ ފަސްގަނޑު ހަރުވެ، ފެން ހިނދޭނެ ގޮތެއް ނެތުމުން ކަމުގައި އެ ޤައުމުން ބުނެއެވެ. މިއީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި މޫސުމާ ބެހޭ ސައިންސްވެރިން ބުނެއެވެ.

2019 ވަނަ އަހަރު އީރާނުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި، އެ ޤައުމުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވިއެވެ. އަދި، ފެންބޮޑުވުމުގެ ހާދިސާތަކުގައި 76 މީހުން މަރުވިއެވެ.