ޚަބަރު

ރަޝިޔާގެ ހަމަލަތަކާއެކު ގޮވާން އެކްސްޕޯޓު ކުރުމަށް ހުރަސް އެޅިދާނެ


ޔޫކްރެއިނުގެ ދެކުނުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ އޮޑެސާއަށް ރަޝިޔާގެ އަސްކަރިއްޔާއިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ، ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. އ.ދ.އިން އިސްނަގައިގެން، ތުރުކީ ވިލާތުގެ އެހީތެރިކަމާ އެކު، ޔޫކްރެއިނާއި ރަޝިޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ހުސްވި ހަފުތާ ބަންދުގެ ތެރޭގައެވެ.

ރަޝިޔާއިން ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު، ޔޫކްރެއިނުގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. އަދި، މި ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް އުފުލިފައެވެ.

އޮޑެސާއަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކާ ގުޅިގެން މި އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިނުން މުދާ ބޭރުކުރަން ފެށުމަށް ތައްޔާރުވަމުން ދާއިރު، ހަމަލާތަކާ ގުޅިގެން އެ ކަން ފަސްވެދާނެ ކަމަށް ބެލެވެއެވެ.

ރަޝިޔާއިން ކެލިބަރް މަރުކާރުގެ ކްރޫޒް މިސައިލް ބޭނުންކޮށްގެން ހަމަލާ ދީފައި ވަނީ އޮޑެސާގެ ބަނދަރަށެވެ. ދެ މިސައިލް ހަމަލާއެއް ބަނދަރަށް އަރާފައިވާއިރު، އިތުރު ދެ މިސައިލެއް ޔޫކްރެއިނުގެ ދިފާޢީ ނިޒާމުތަކުން ވަނީ ވައިގެ ތެރޭގައި ނައްތައިލާފައެވެ. މި ހަމަލާތަކާ ގުޅިގެން ރަޝިޔާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝް ވަނީ އެންމެ ހަރުކަށި ޢިބާރާތުން މި ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. ”ޔޫކްރެއިނުގެ ބަނދަރުތަކުގައި ހުރި މުދަލަކީ، މި ވަގުތު ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ބޭނުންޖެހިފައި ހުރި އެއްޗެއް،“ އޭނާގެ ތަރުޖަމާނެއް ކަމުގައިވާ ފަރުހާން ޙައްޤު ވިދާޅުވިއެވެ. އަދި، އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަސް ނޭޅުމަށް ގުތެރޭޝް އެއްބަސްވުމުގެ ހުރިހާ ބައިވެރިންނަށް ގޮވައިލައްވާ ކަމުގައި ވެސް ޙައްޤު ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ އެއްބަސްވުން ނާކާމިޔާބު ކޮށްލަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރަޝިޔާއިން ކުރާނެ ކަން މި ހަމަލާތަކުން ހާމަވާ ކަމުގައެވެ. ”މި ކަމުން ހާމަވަނީ އެންމެ ކަމެއް. އެއީ، ރަޝިޔާއިން ވެފައިވާ ވަޢުދުތަކާ ޚިލާފަށް، އެއްބަސްވުން ނާކާމިޔާބު ކޮށްލެވޭނެ ހުރިހާ ގޮތެއް އެ ޤައުމުން ހޯދާނެ ކަން،“ ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ބްލެކް ސީގެ އައްސޭރިފަށުގައިވާ ޔޫކްރެއިންގެ ބަނދަރުތަކާއި، ގޮވާން ބަރުކޮށްގެން ދަތުރުކުރާ އާގުބޯޓުތަކަށް ދެ ޤައުމުން ވެސް ފުރިހަމައަށް ރައްކާތެރިކަން ދޭން ޖެހޭނެއެވެ. މި އެއްބަސްވުން ތަންފީޒު ކުރުމުގައި އެއްބާރުލުން ދިނުމަށް ރަޝިޔާއަށް ބާރު އެޅުމަށް ޔޫކްރެއިނުން ވަނީ އ.ދ.އާއި ތުރުކީ ވިލާތަށް ގޮވައިލާފައެވެ.