ޚަބަރު

މަކުނުވިދުރި ޖެހުނު %95 މީހުންނަކީ އެއް ޖިއްސުން ގުޅުންހިންގާ މީހުން - ދިރާސާ


މަންކީ ޕޮކްސް ނުވަތަ މަކުނުވިދުރީގެ އެންމެ ފުރަތަމަ ކޭސް ފެނުނުކަމަށް ރެކޯޑްކުރެވިފައިވަނީ 1970ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އޭރު މި ބަލި ފެންނަމުންދިޔައީ އެފްރިކާގެ ޤައުމުތަކުންނެވެ.

2000ގެ އަހަރުތަކުގައި މި ބަލި ޔޫރަޕްގެ ޤައުމުތަކުން ފެނަން ފަށާފައިވެއެވެ. މިބައްޔާގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިހާރުވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އެއީ މިއަހަރު އަނެއްކާވެސް މިބަލި ފެތުރޭ މިންވަރު ދުނިޔޭގައި އިތުރުވެ 75 ޤައުމަކުން ބަލި ފެނި ޙާލަތު ގޯސްވުމާ ގުޅިގެންނެވެ. 75 ގައުމަކުން 16000އަށްވުރެ ގިނަ ކޭސް ވަނި ފެނިފައެވެ. ދުނިޔޭގެ 16 ޤައުމެއްގައި ބަލި ފެތުރޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މަކުނުވިދުރި ފެނިފައިވާ ޤައިމުތަކުގެ ތެރޭގައި، ރާއްޖެއަށް ފަތުރުވެރިން އަންނަ ގިނަ ބައެއް ޤައުމުވެސް ހިމެނެއެވެ. އަދި ބައެއް އަވަށްޓެރި ޤައުމުތަކާއި، ދިވެހިން ދަތުރުކޮށް އުޅޭ ބައެއް ޤައުމުތަކުންވެސް މިބަލި ފެނިފައިވެއެވެ.

މަކުނުވިދުރީގެ ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާ ބޮލުގައި ރިއްސުމާއި ކަރުގައި ރިއްސުން އަދި ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ގައިގައި ކުދި ބިހިތަކެއްނަގައި އެ ބިހިތައް ފޮޅުތަކަކަށް ބަދަލުވެއެވެ.

މަކުނުވިދުރީގެ އަލާމާތްތައް ހަށިގަނޑުގައި 2 ނުވަތަ 4 ހަފްތާއަށްވެސް ހުންނަކަމަށް ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ. މިހާތަނަށް އައިއިރު މަކުނުވިދުރި ފެތުރުމާގުޅޭ އެންމެބޮޑު ދިރާސާއެއް ކޮށްފައިވަނީ "ނިއު އިންގްލޭންޑް ޖަރނަލް އޮފް މެޑިސިންސް"އިންނެވެ.

މި ދިރާސާގައި ބުނެފައިވަނީ ބަލި އެންމެބޮޑަށް ފެތުރިގެންދާކަން ހާމަވެފައިވަނީ އެއް ޖިއްސުން ގުޅުން ހިންގާ މީހުންގެ މެދުގައިކަމަށެވެ.

މި ދިރާސާގައި ބައިވެރިވި 500އަށްވުރެ ގިނަ މީހުންނަށް ބަލާއިރު، %95 މީހުންނަށް ބަލި ޖެހުނުކަމަށް ބުނެފައިވަނީ ޖިންސީ ގުޅުމުގެ ތެރެއިންނެވެ. %98 މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ. %75 މީހުންނަކީ ދޮން ނަސްލުގެ މީހުން ކަމަށާއި، އޭގެތެރެއިން %41 މީހުންނަކީ އެޗްއައިވީއަށް ޕޮޒިޓިވް މީހުންކަމަށްވެސް މިދިރާސާއިން ދައްކައެވެ.

މަކުނުވިދުރި ޖެހޭ މީހުންގެ %13 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހެއެވެ. މިއީ ގައިންގަޔަށް އަރާ ބައްޔެކެވެ. ބަލި ފެތުރެން ދިމާވާ ސަބަބުތަކުގެތެރޭގައި ނޭވާލާއިރު ހަށިގަނޑުން ބޭރުވާ ފެނާއި ކުޅުތިކިތަކާއި އަދި ބަލި މީހާ ދިރިއުޅޭ މަޙައުލުން އެކަކު އަނެކަކު ގަޔަށް ބަލި އެރުމުގެ ފުރުޞަތު ބޮޑެވެ. މައިމީހާގެ ޒަރިއްޔާއިން ބަނޑުގައިވާ ދަރިފުޅަށްވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.