ޚަބަރު

"ޝެހެޒާދާ"ގައި އައްލޫ ފެންނާނެކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި


"ބޫލްބުލައްޔާ 2" ގެ ބޮޑު ކާމިޔާބީއަށްފަހު ކާތިކް އާރްޔަން މިހާރު ދަނީ އަނެއްކާވެސް އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

ކާތިކްގެ މިފަހަރުގެ ފިލްމަކީ ތެލުގޫ ފިލްމު "އަލާ ވައިކުންތަޕޫރުމަލޯ" ގެ ހިންދީ ރީމޭކް "ޝެހެޒާދާ" އެވެ. މިއީ މަޝްހޫރު "ޕުޝްޕާ:ދަ ރައިޒް" ގެ ތަރި އައްލޫ އަރުޖުން ލީޑް ރޯލުން ފެނުނު ފިލްމެކެވެ.

މިދިޔަ އަހަރު އިއުލާނުކޮށްފައިވާ މި ފިލްމުގެ ލީޑްރޯލުތަކަށް ހަމަޖައްސާފައިވަނީ ކާތިކާއި ކްރިތީ ސެނޮންއެވެ. މިއާއިއެކު މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މި ދެ ތަރިންގެ އިތުރުން ތެލުގޭ ފިލްމުގެވެސް ލީޑް އެކްޓަރު އައްލޫ އަރުޖުންވެސް މި ފިލްމުގައި ކުޑަ ތަންކޮޅަކުން ފެންނާނެއެވެ.

ނަމަވެސް މިއީ ދޮގު ވާހަކައެއްކަމަށް ޕްރޮޑަކްޝަން ޓީމުން މިހާރު ވަނީ ޔަޤީންކޮށްދީފައެވެ. މި ފިލްމުގައި އައްލޫ ނުފެންނާނެކަމަށާއި ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރަކީ އައްލޫގެ ބައްޕަ އައްލޫ އަރުވިންދުކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

"ޝެހެޒާދާ" އަކީ 2019 ވަނަ އަހަރު ދެއްކި "ލުކާ ޗުޕީ" އަށްފަހު ކާތިކް އާއި ކްރިތީ އެކުގައި ފެންނަ ދެވަނަ ފިލްމެވެ. މިއަހަރު ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަން މީގެކުރިން ނިންމާފައިއޮތް މި ފިލްމުގެ ކާތިކްގެ ފަސްޓު ލުކާއިއެކު މީތި އަންނަ އަހަރަށް ފަސްކޮށްފައިވާކަމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.