ޚަބަރު

އައިއެފްއެފްއެމް ހުޅުވާނީ އަނޫރާގުގެ "ދޮ ބާރާ" އިން


މިއަހަރު ބާއްވާ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ހުޅުވާނީ ޑައިރެކްޓަރު އަނޫރާގް ކަޝަޕްގެ "ދޮބާރާ" އިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހަފްލާއަށް އަނޫރާގާއި ލީޑް އެކްޓްރެސް ތާޕްސީ ޕަންނޫ މެލްބަން އަށް ދިއުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އަނޫރާގް ބުނީ މި ފެސްޓިވަލަށް އޭނާގެ ފިލްމެއް ހޮވުނީތީ އުފާވާކަމަށެވެ. އަދި "ދޮބާރާ" އަކީ އޭނާއަށް ވަރަށް ޚާއްޞަ ފިލްމެއްކަމަށްވެސް އަނޫރާގް ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ދެއްކި އޯރިއޮލް ޕޯލްސްގެ ސްޕެނިޝް ފިލްމު "މިރޭޖް" އަސްލަކަށް ބަލައިގެން އުފައްދާ ހިންދީ ފިލްމު "ދޮބާރާ" އަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިދިޔަ މެއި މަހު ވަނީ މީގެ ޓީޒާވެސް ދައްކާލާފައެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 19 ގައެވެ.

ޓީޒާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު މިއީ މިއަހަރު އެންމެ އިންތިޒާރުކުރާ އެއް ފިލްމުކަމުގައިވެސް މިހާރު ވަނީ ވެފައެވެ. މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ތާޕްސީގެ އިތުރުން ޕަންނޫ އާ ޕަވާލީ ގުލާތީވެސް ހިމެނެއެވެ. ޕަވާލީ ވަނީ މީގެކުރިން 2020 ވަނަ އަހަރު ދެއްކި "ތައްޕަޅު" ގައިވެސް ތާޕްސީ އާއިއެކު މަސައްކަތްކޮށްފައެވެ.

މިއީ "ގޭންގްސް އޮފް ވަސައިޕޫރު"، "ބޮމްބޭ ވެލްވެޓް" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ އަނޫރާގާއިއެކު ތާޕްސީ މަސައްކަތްކުރާ 3 ވަނަ ފަހަރެވެ. މީގެކުރިން އަނޫރާގު ޑައިރެކްޓުކުރި "މަންމަރުޒިޔާން" އަދި އަނޫރާގް ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ސާންޑް ކީ އާންކް" ގައި ތާޕްސީ ވަނީ މަސައްކަތްކޮށްފައެވެ.

ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ބާލް ޑައިރެކްޓުކޮށް މިއަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ބްލާ"، އަންނަ އޮކްޓޫބަރުގައި ރިލީޒްކުރަން ހަމަޖައްސާފައިވާ ރާޖްކުމާރު ހިރާނީގެ "ޑަންކީ" އަދި އަންނަ ޑިސެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ތަޅްކާ" ހިމެނެއެވެ.