ޚަބަރު

ތޫނީސިޔާގެ ރައީސަށް އިތުރު ބާރުތައް ލިބިދޭ އިޞްލާޙާ ދެކޮޅަށް މުޒާހަރާ ފަށައިފި


ތޫނީސިޔާގެ ރައީސް ޤައިސް ސަޢީދަށް އިތުރު ބާރުތަކެއް ލިބިދޭ ގޮތަށް އެ ޤައުމުގެ ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފިއެވެ. މި އިޞްލާޙާ މެދު އަންނަ ހޯމަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ޤައުމުން ދަނީ ތައްޔާރު ވަމުންނެވެ.

ޤާނޫނު އަސާސީއަށް ސަޢީދު ހުށަހަޅުއްވާފައިވާ އިޞްލާޙުގެ ދެލިކޮޕީއެއް މިދިޔަ މަހު ޢާންމުކޮށްފައި ވާއިރު، އެ އިޞްލާޙުގެ ދަށުން ރައީސަށް ނުވަތަ އެ ޤައުމުގެ ރިޔާސަތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. އަދި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހާއި ޝަރުޢީ ނިޒާމުގެ ބާރުތައް ވަރަށް ބޮޑަށް ހަނި ކުރެވޭނެއެވެ.

މިއީ، ސަޢީދުގެ ވެރިކަން އެތަކެއް އަހަރުތަކަކަށް ދެމިގެންދާނެ ގޮތަށް އެ ޤައުމުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތެއްގެ ގޮތުގައި، މި އިޞްލާޙާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ސިފަ ކުރެއެވެ. ސަޢީދު މިހާރު ވެސް ވެރިކަން ކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމުގައި ވެސް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ސަޢީދު ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވައިލައްވައި، އައު ސަރުކާރެއް އެކުލަވައިލައްވާފައެވެ. އަދި، ޤަރާރުތަކެއްގެ ދަށުން ވެރިކަމުގެ ހުރިހާ ބާރުތަކެއް އޭނާގެ ކޮންޓްރޯލުގެ ދަށަށް ގެންދެވިއެވެ. މިއީ، ބަޣާވާތެއްގެ ގޮތުގައި އޭނާއާ ދެކޮޅު ފަރާތްތަކުން ސިފަ ކުރެއެވެ.