ޚަބަރު

މަކުނުވިދުރިއާ ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ މަކުނުވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ޞިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައަޅައިފިއެވެ. މަކުނުވިދުރިއަކީ ޞިއްޙަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، ޑަބްލިޔު.އެޗް.އޯ.އިން ވަނީ ބަލިތަކާ މެދު އެ ޖަމުޢިއްޔާއިން ނެރޭ އެންމެ މަތީ ދަރަޖައިގެ ސަމާލު މި ބައްޔާ ދެކޮޅަށް އިޢުލާނު ކޮށްފައެވެ.

މި ކަން އިޢުލާނު ކުރައްވާފައި ވަނީ ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސްއެވެ. ނަމަވެސް، ޑަބްލިޔު.އެޗް.އޯ.ގެ މާހިރުންގެ ކޮމިޓީން މި ކަމާ މެދު އޮތީ ޚިޔާލު ތަފާތުވެފައެވެ. މި ކަމާ މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. މަކުނުވިދުރިއަކީ ޞިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ޤަބޫލު ކުރަނީ އެ ކޮމިޓީގައި ހިމެނޭ 15 މެންބަރުންގެ ތެރެއިން އެންމެ ހަ މެންބަރުންނެވެ. ޓެޑްރޯސް ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކޮމިޓީގެ ނިންމުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، މި ބައްޔަކީ ޞިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމީ ބަލި ފެތުރެމުންދާ ހަލުވިކަމާއި، ބަލީގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެން ހުރި ވެކްސިންގެ ސްޓޮކްގެ އަދަދު މަދުވުމުން އެ ކަންކަމަށް ރިޢާޔަތްކޮށް ކަމުގައި ޓެޑްރޯސް ވިދާޅުވިއެވެ.

ބައްޔަކަށް ސަމާލުގެ އެންމެ މަތީ ދަރަޖަ ކަނޑައެޅުމުގެ ބޭނުމަކީ، އެ ބައްޔެއް ފެތުރުން ކޮންޓްރޯލު ކުރުމަށް ހުރިހާ ޤައުމަކުން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމެވެ. އަދި، އެ ބައްޔަކާ ދެކޮޅަށް ފަރުވާއާއި ވެކްސިންތައް ތައްޔާރު ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމެވެ.

މަކުނުވިދުރީގެ އިތުރުން ޞިއްޙީ ކުއްލި ނުރައްކަލުގެ އެންމެ މަތީ ދަރަޖަ މިހާތަނަށް ދީފައިވާ އަނެއް ދެ ބައްޔަކީ ކޮރޯނާވައިރަސްއާއި ޕޯލިޔޯއެވެ. ދުނިޔޭގެ 75 ޤައުމަކުން މިހާތަނަށް މަކުނުވިދުރި ޖެހިފައިވާ 16,000 އަށްވުރެ ގިނަ މީހުން ފެނިފައިވާ އިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.