ޚަބަރު

193 ސްކޫލަކަށް ސްޓްރެޗަރ ހޯދަނީ


193 ސަރުކާރު ސްކޫލަށް ބޭނުންވާ ސްޓްރެޗަރ ހޯދައިދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މިއީ ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރާ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯވުމުގައި އަމަލުކުރާނީ ވޯލްޑް ބޭންކް އުސޫލް "ވޯލްޑް ބޭންކް ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވަރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގްޑްސް، ވަރކްސް، ނޮން- ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018" ގައިވާ ގޮތުގެ މަތިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިކަމަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 އަށް ބީލަން އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 6،168.00 ރުފިޔާ (400.00 ޑޮލަރު) އާއެކު ބީލަން ހުށަހެޅޭނެކަމަށެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން އަދި އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކާއިއެކު ސެޕްޓެމްބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 އަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައިކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.