ޚަބަރު

މުވައްޒަފުންގެ ޙައްޖު ސްކީމްގައި އެސްޓިއޯއިން ބައިވެރިވެއްޖެ


ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ''މުވައްޒަފުންގެ ސްކީމް'' ގައި ބައިވެރިވެ، އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު ސޮއިކުރައްވައިފިއެވެ. އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ، މުވައްޒަފުންގެ ޙައްޖު ސްކީމްގައި އެކުންފުނިން ބައިވެރިވީ، ޒުވާނުން އުމުރުގައި އެކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެންބަރުންނަށް ޙައްޖަށާއި ޢުމްރާއަށް ދިއުމުގެ ފުރުސަތު ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، މުވައްޒަފުންގެ ސްކީމްގެ ދަށުން ކޮންމެ މުވައްޒަފަކުވެސް ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ އެމުވައްޒަފެއްގެ މުސާރާއިން އުނިކޮށް ޙައްޖަށާއި ޢުމްރާއަށް ދިއުމަށް ފައިސާ ރައްކާކުރެވޭނެ ކަމަށެވެ.މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތައާރާފްކުރައްވާފައިވާ ''މުވައްޒަފުންގެ ސްކީމްގައި '' މިހާތަނަށް ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެޗްޑީސީއިނެވެ. މިއަދުގެ ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަނުން ވަނީ އެސްޓިއޯއިން ދެއްވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން އެކުންފުންޏަށް ޙަނދާނީ ފިލާއެއް އަރުވާފައެވެ.