ޚަބަރު

ޔޫކްރެއިންގެ ބިންތައް މިނިވަންނުކޮށް ހަނގުރާމަ ހުއްޓާނުލާނަން: ޒެލެންސްކީ


ޔޫކްރެއިންގެ ދިފާޢުގައި ކުރަމުންދާ ހަނގުރާމައާއި އަދި ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓައިލާނީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ އެ ޤައުމުގެ ބިންތައް މިނިވަން ކުރުމަށް ފަހު ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ވޯލް ސްޓްރީޓް ޖަރނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ ބިންތައް މިނިވަން ނުކޮށް އޭނާގެ ސިފައިން ހަތިޔާރު ބަހައްޓައިފި ނަމަ، އެ ސަރަޙައްދުގެ މަސްރަޙު ފަހުން އިތުރަށް ގޯސްވާނެ ކަމުގައެވެ.

”ފުރަތަމަ ކަމަކީ ރަޝިޔާއިން އަތްގަދަކޮށްފައިވާ ރަށްތައް މިނިވަން ކުރުން. ކުރިއަށް އޮތް އަހަރުތަކުގައި އަމަލު ކުރާނެ، އަދި ދިރިއުޅޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނީ އެއަށްފަހު،“ ޒެލެންސްކީ ވިދާޅުވިއެވެ.

އަދި، އެއީ އިތުރު ހަނގުރާމައަކަށް ފުރުޞަތު ދިނުން ކަމުގައި ސިފަކޮށް ޒެލެންސްކީ ވިދާޅުވީ، އެއިރުން ރަޝިޔާއަށް އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ތައްޔާރުކޮށް ވަރުގަދަ ކުރުމުގެ ފުރުޞަތު ލިބޭނެ ކަމުގައެވެ. އަދި، ހަނގުރާމަ އިތުރު އަހަރުތަކަކަށް ދެމިގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި ޒެލެންސްކީ ވަނީ ޔޫކްރެއިނަށް ހުޅަނގުގެ ޤައުމުތަކުން ފޯރުކޮށްދެމުންދާ އަސްކަރީ އެހީއާ މެދު ވެސް ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ، އެމެރިކާއިން ފޯރުކޮށްދީފައިވާ ”ހައިމާސް“ ރޮކެޓު ސިސްޓަމްތަކާ އެކު ޔޫކްރެއިން ސިފައިންގެ ޤާބިލިއްޔަތު ކަން އިތުރުވެފައިވާ ކަމުގައެވެ. ނަމަވެސް، ރަޝިޔާގެ ވަރުގަދަ ދުރުރާސްތާ މިސައިލް ހަމަލާތަކުން ދިފާޢުވުމަށް އިތުރު މިސައިލް ޑިފެންސް ސިސްޓަމްތައް ވެސް ބޭނުންވާ ކަމުގައި އޭނާ ވިދާޅުވިއެވެ.