ޚަބަރު

އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢު މެކުހަށްޖަހައިފި


އީރާނުން އެ ޤައުމުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު މެކުހަށްޖަހާފައިވާ ކަމަށާއި، އެ ޕުރޮގުރާމުގެ ކަންކަން ބެލުމުގެ ފުރުޞަތު އެ ޤައުމުން ހަނިކޮށްފައިވާ ކަމުގައި އެޓޮމިކް ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮޓްސީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން 2015 ވަނަ އަހަރު އެކުލަވައިލި އެއްބަސްވުމުގެ ދަށުން އެ ޤައުމުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތައް މޮނީޓަރު ކުރުމަށް އެ ތަންތަނުގައި ބަހައްޓާފައިވާ ކެމެރާތަކާއި އެހެނިހެން ސާމާނު މިހާރު ނަގާފައިވާ ކަމަށް ގްރޮޓްސީ ވިދާޅުވިއެވެ.

އަދި، 2018 ވަނަ އަހަރު އަމަލު ކުރުން ހުއްޓައިލާފައިވާ އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތްތަކަށް މި ފަދަ އަމަލުތަކުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސަތުގައި އެއްބަސްވުމާ ފޭއަށްޖެހެން ނިންމެވުމާ ގުޅިގެންނެވެ.

އެއަށްފަހު އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ފުޅާ ކޮށްފައެވެ. އަދި، ނިއުކްލިޔަރ ހަތިޔާރު އުފައްދަން ބޭނުންވާ މިންވަރަށް މިހާރު އެ ޤައުމުން ޔުރޭނިއަމް މުއްސަނދި ކުރަމުންދާ ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ހުޅަނގުން ތުހުމަތު ކުރި ނަމަވެސް، އެ ޤައުމުން ބުނަނީ އެ ފަދަ ހަތިޔާރެއް ބޭނުން ނުވާ ކަމުގައެވެ.

ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމަށް އަލުން ރުޖޫޢަވުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ނުރަސްމީ މަޝްވަރާތަކުން ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި އީރާނުން ބުނެއެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުاللهހިއަން ވިދާޅުވީ، އެއްބަސްވުމުގައިވާ 96 އިންސައްތަ ކަންތައްތަކާ އެ ޤައުމުން އެއްބަސްވާ ކަމުގައެވެ.