ޚަބަރު

ފަންނާނުންގެ މިއުޒިކީ ޢީދު، ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި


މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިއީ މާލެއިން ބޭރުގައި މި ޝޯވ ބާއްވާ ފުރަތަމަ ފަހަރެވެ.

"ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު" ޝޯވ މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވަނީ، އަތޮޅުތަކުގައި ތިބި ފަންނާނުންނަށް މިފަދަ ހަރަކާތްތަކުގެ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން ވިދާޅުވެއެވެ.

އެންސީއޭއިން ވިދާޅުވީ، މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ 2 މިއުޒިކް ބޭންޑަކާއި، ބައެއް އާޓިސްޓުން ބައިވެރިވާނެކަމަށެވެ. މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާ ފަންނާނުންވެސް ބައިވެރިވާނެއެވެ. އެގޮތުން ޓްރެފިކް ޖޭމް، އިކުއިޓިކް ވައިބް އަދި ބައެއް އަމިއްލަ ލަވަކިޔުންތެރިންވެސް ބައިވެރިވާނެއެވެ.

މީގެއިތުރުން ނެށުމުގެ ފަންނުވެރިކަމުގައި މަސައްކަތް ކުރާ ފަންނާނުން ބައިވެރިވާނެކަމަށްވެސް އެން.ސީ.އޭއިން ވިދާޅުވެއެވެ.

މިއީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ފަންނާނުންތަކެއް އެއް ޝޯވއަކުން ފެންނަ އެންމެ ބޮޑު ހަރަކާތެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު އައްޑޫ ސިޓީގައި އޮންނަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ.

ޝޯވ ބާއްވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއާ އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ. އައްޑޫ ސިޓީގައި މި ޝޯވ ބޭއްވުމަށް، އެން.ސީ.އޭއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ކައުންސިލާއެކުވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ.

މިފަހަރުގެ ފަންނާނުގެ މިއުޒިކް ޢީދުގެ މެއިން ސްޕޮންސަރުންނަކީ އެމް.ޓީ.ސީ.ސީއާއި އެސް.ޓީ.އޯ އަދި އުރީދޫ މޯލްޑިވްސްއެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވ އަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ޒުވާނުންނާ އާއްމުންގެ ތަރުޚީބުވެސް ވަރަށް ބޮޑަށް ލިބެމުންދާ ހަރަކާތެކެވެ. ކޯވިޑްގެ ޙާލަތުގައި އޮތްއިރުވެސް މި ޝޯވ ވަރޗުއަލްކޮށް ކުރިއަށްގެންގޮސްފައިވެއެވެ.