ޚަބަރު

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

1443 ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 10:28 ގައެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔައެވެ. އޭގެ ތެރެއިން ފުރަތަމަ ގްރޫޕު ރާއްޖެއައިސްފަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއަދުގެ ފްލައިޓުން އައިސްފައިވަނީ 175 ޙައްޖުވެރިންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެ އައި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕެކޭ އެއްގޮތަށް ދެވަނަ ގްރޫޕުގެ ޙައްޖުވެރިންނާއި އާއިލާގެ ބޭފުޅުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށެވެ.

ޙައްޖާޖީން ބަލާ އެއަރޕޯޓަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ވެހިކަލްތަކުގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން އޮންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ބޭފުޅަކު އަމިއްލައަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ވަޑައިގެންނެވުމަށް ވެހިކަލްތައް ހަމަޖެހިފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ހަތަރު ސަރަހައްދުންވެސް ހެނދުނު 10:00 އިން ފެށިގެން ބަސް ދަތުރުތައް އޮންނާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަވާނެއެވެ.

ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެއެވެ.

މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެއަންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.