ޚަބަރު

އިމްރާން ހާޝިމީ ފުރަތަމަ ފަހަރަށް އާމީ އޮފިސަރެއްގެ ރޯލުން


އިމްރާން ހާޝިމީ އެކްސެލް އެންޓަޓެއިންމަންޓުގެ ފިލްމަކަށް ސޮއިކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ އެކްސެލް އާއިއެކު އިމްރާން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އިމްރާން މީގެ ކުރިން ވަނީ ބޮލީވުޑްގައި ނަން ހިނގާ ދެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝް ރާޖް ފިލްމްސް އާއި ދަރުމާ ޕްރޮޑަކަޝްނާއިއެކު މަސައްކަތްކޮށްފައެވެ.

ބޮލީވުޑް ތަރި ފަރުހާން އަޚްތަރާއި ރިތޭޝް ސިދްވާނީގެ އެކްސެލް އިން މިފަހަރު ގެނެސްދޭ ފިލްމުގައި އިމްރާން ފެންނާނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ. މިއީ އިމްރާން މިފަދަ ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

ހަނގުރާމައިގެ ކަންތައްތަކެއް ގެނެސްދޭ މި ފިލްމަށް ދީފައިވާ ނަމަކީ "ގްރައުންޑް ޒީރޯ" އެވެ. އެހެންނަމަވެސް ފިލްމުގައި އިމްރާންގެ އިތުރުން ދެން ފެނިގެންދާނެ އިތުރު ކާސްޓުންގެ މަޢުލޫމާތު އަދި ހާމަކޮށްފައެއްނުވެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މަރާޓީ ފިލްމުތައް ޑައިރެކްޓުކުރާ ވިޖޭ ދެއޮސްކާރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވިޖޭ މިހާރު ދަނީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. މީގައި ލީޑްރޯލުން ފެންނާނީ ރަކުލް ޕްރީތް ސިންގެވެ.

އިމްރާން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ފެބްރުއަރީމަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމު "ސެލްފީ" އިންނެވެ. މި ފިލްމުގައި އިމްރާނާއިއެކު އަކްޝޭ ކުމާރުވެސް ފެންނާނެއެވެ. މީގެއިތުރުން ސްޕައި ޑްރާމާ "ޓައިގާ 3" ގައި ކެޓްރީނާ ކައިފްއާއި ސަލްމާނުޚާނާއިއެކުވެސް އިމްރާން ފެންނާނެއެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.