ޚަބަރު

"ކޮފީ ވިތު ކަރަން" އަށް ވަރުގަދަ ދެ ޑައިރެކްޓަރުން


ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" އަށް ބޮލީވުޑްގެ ވަރުގަދަ ދެ ޑައިރެކްޓަރުން ގެންނަން ނިންމައިފިއެވެ.

ކޮފީ ވިތު ކަރަންގެ 7 ވަނަ ސީޒަން ދައްކަން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ.

މި ލެޖެންޑަރީ ދެ ޑައިރެކްޓަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ ސަންޖޭ ލީލާ ބަންސާލީ އާއި އެސްއެސް ރާޖްމޯލީ އެވެ.

ދެ ޑައިރެކްޓަރުންނާއި ކުރާނެ ސުވާލުތައްވެސް ތައްޔާރުކޮށްގެން ކަރަން ވަނީ މި ޝޯއަށް ރެޑީވެފައެވެ. ނަމަވެސް ބަންސާލީގެ ކުރިއަށްއޮތް ވެބް ސީރީޒް "ހިރާމަންޑީ" ގެ ޝޫޓިންގައި އޭނާ އުޅޭތީ ޝޯއަށް އަންނަން ބަންސާލީ އަދި އެއްބަހެއް ނުވެއެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދީ "ބަހޫބާލީ" ޑައިރެކްޓަރު އެސްއެސް ރާޖްމޯލީ އަކީ ބަންސާލީގެ ބޮޑު ފޭނެކެވެ. ނަމަވެސް މި ދެމީހުން އެކުގައި ސްކްރީނުން އަދި ފެނިފައެއް ނުވެއެވެ. ދެމީހުން އެކުގައި ކަރަންގެ ޝޯއިން ފެނިއްޖެނަމަ ދެމީހުންނަށްވެސް މި ޝޯ ހާއްސަވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ދައްކަންފެށި މި ޝޯގެ ފުރަތަމަ އެޕިސޯޑުގެ ބައިވެރިންނަކީ ކަރަންގެ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ ތަރިން ކަމުގައިވާ ރަންވީރު ސިންގާއި އާލިއާ ބަޓް އެވެ.

2004 ވަނަ އަހަރުގެ ނޮވެމްބަރުމަހު ފެށި ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ 6 ސީޒަނާއިއެކު މުޅިއެކު 12 އެޕިސޯޑު މިހާތަނަށް ވަނީ ދައްކާފައެވެ. މިއީ އިންޑިއާގައި ދެވަނަ އަށް އެންމެ ދިގުކޮށް ގެނެސްދޭ ޓޯކް ޝޯއެވެ. ޝޯ އެންމެފަހުން ނިންމާލާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗުމަހުއެވެ.