އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މި މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ވެލެންސިއާގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ޓީސީގެ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ޓީސީގެ ހައިސަމް ރަޝީދަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ މިނެޓުގައި އޭރިއާ ތެރެއިން ޓީސީގެ ހައިސަން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ހަ މިނެޓު ފަހުން މެސީ ދިން ބޯޅައަކުން ވެލެންސިއާގެ މިޑްފީލްޑަރު މުޙައްމަދު އުމެއިރު ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުގެ 54 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ސުޖަން ވަނީ މަތަކޮށްފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ޓީސީގެ ނިޝާމް މުޙައްމަދު ރަޝޯދު (ޕޮގްބާ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑި މަތުން ބޭރަށް ދިޔައިރު، އޭގެ މިނެޓެއް ފަހުން އޭރިއާ ތެރެއިން ޕޮގްބާއަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ޔާނުއަށް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ސުޖަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި ނަތީޖާއާއެކު ޓީސީ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 19 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސް އާއި، ފަސްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި ހަވަނައިގައި އޮތް ވެލެންސިއާއަށް 19 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.