ޚަބަރު

އިޓަލީވިލާތުގެ ބޮޑުވަޒީރު ޑްރާޣީ އިސްތިޢުފާދެއްވައިފި


އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑްރާޣީ އިސްތިޢުފާ ދެއްވައިފިއެވެ. އޭނާގެ ގުޅިފައިވާ ކޯލިޝަން ސަރުކާރު ރޫޅުމާ ގުޅިގެން ޑްރާޣީ އިސްތިޢުފާ ހުށަހެޅުއްވުމުން އިޓަލީ ވިލާތުގެ މާލީ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

ޑްރާޣީގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރުމަށް އެ ޤައުމުގައި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު އިންތިޚާބެއް ބާއްވާނެއެވެ. އަދި، އައު ބޮޑުވަޒީރެއް އިންތިޚާބު ކުރެވެންދެން އެ މަޤާމު ވަގުތީ ގޮތުން ފުރުއްވުމަށް ރައީސް ސެރްޖިއޯ މައްޓެރެއްޔާ ވަނީ ޑްރާޣީއަށް އިރުޝާދު ދެއްވާފައެވެ.

ޑްރާޣީގެ 18 މަސް ދުވަސްވީ ގުޅިފައިވާ ސަރުކާރު ރޫޅުނީ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި އޮތް ދެބަސްވުންތަކަށް ހައްލެއް ގެނައުމަށް އޭނާ ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ކޯލިޝަންގެ މައި ތިން ބައިވެރިން ނޫނެކޭ ބުނުމާ ގުޅިގެންނެވެ.

ވިލާތުގެ މަރުކަޒީ ބޭންކް (އީ.ސީ.ބީ)ގެ ރައީސް ކަން ކުރިން ފުރުއްވާފައިވާ ޑްރާޣީގެ ވެރިކަމުގައި އޭނާ ވަނީ އިޓަލީ ވިލާތަށް މާލީ ހަމަޖެހުން ގެންނަވާފައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ނިންމާފައިވާ ނިންމުންތަކުގައި އޭނާގެ ދައުރު ވަރަށް ފުޅަލެވެ.

މީގެ އިތުރުން، ދުނިޔޭގެ މާލީ ބާޒާރުގައި އޭނާ ވަނީ އިޓަލީ ވިލާތަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިޓަލީ ވިލާތުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާ ކުރައްވާފައެވެ.

މިއީ އަހަރުގެ ފަހުކޮޅު އެ ޤައުމުގައި އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަހަރުގެ ފަހުކޮޅު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ޢާންމުކޮށް ހުސްކޮށްފައި އޮންނަނީ ބަޖެޓާ ގުޅޭ މަސައްކަތްތަކަށެވެ.

ބެލެވޭ ގޮތުގައި، ބްރަދަރސް އޮފް އިޓަލީ ޕާޓީން ސެޕްޓެންބަރު މަހު ބާއްވާ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެއެވެ. އެއީ، އެ ޤައުމުގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑްރާޣީގެ ކޯލިޝަން ސަރުކާރާ ގުޅިފައި ނުވާ ހަމައެކަނި ޕާޓީއެވެ.

2018 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު ޖޯޖިޔާ މެލޯނީގެ ޕާޓީއަށް ތާޢީދު ކުރާ މީހުންގެ އަދަދު އުޅުނީ އެންމެ 4 އިންސައްތައިގައެވެ. ނަމަވެސް، މިހާރު އެ ޕާޓީއަށް ތާޢީދު ކުރާ މީހުންގެ އަދަދު 22 އިންސައްތައަށް ވުރެ މައްޗަށް އަރާފައި ވާއިރު، އިޓަލީ ވިލާތުގައި މިހާރު އޮތް އެންމެ ތާޢީދު ބޮޑު އެއް ޕާޓީއަކީ ވެސް މެލޯނީގެ ޕާޓީއެވެ.