ޚަބަރު

ލަންކާގެ ބޮޑުވަޒީރުގެ މަޤާމަށް ދިނޭޝް ގުނަވަރްދެނަ


ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ގިނަ އަހަރުތަކެއް ވަންދެން ފުރުއްވާފައިވާ ދިނޭޝް ގުނަވަރްދެނަ އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފިއެވެ.

ރާޖަޕަކްސަގެ ޢާއިލާއާ ވަރަށް ގާތް ބޭފުޅެއް ކަމުގައިވާ ގުނަވަރްދެނަ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ރަނިލް ވިކްރެމަސިންހަގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި އަސްކަރިއްޔާގެ އިސް އޮފިޝަލުން ބައިވެރިވިއެވެ.

ގުނަވަރްދެނައަކީ ވިކްރެމަސިންހަގެ ވެސް ވަރަށް ގާތް ބޭފުޅެކެވެ. ދެ ބޭފުޅުންނަކީ އުމުރުން ތިން އަހަރުން ފެށިގެން އެކުވެރިންނެވެ. ދެ ބޭފުޅުންގެ ވެސް އުމުރަކީ 73އެވެ. އަދި، ކިޔަވައި ވިދާޅުވެފައި ވަނީ އެކުގައެވެ. ނަމަވެސް، ސިޔާސީ މައިދާނުގައި ދެ ބޭފުޅުންނަކީ ވަރަށް ޚިޔާލު ތަފާތު ދެ ބޭފުޅުންނެވެ. މަޖިލީހުގައި ގުނަވަރްދެނަ ތަމްސީލު ކުރައްވަނީ ސްރީލަންކާ ޕީޕަލްސް ފްރަންޓް ޕާޓީއެވެ.

ސްރީލަންކާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ވިކްރެމަސިންހަ ވަނީ، އޭނާގެ އައު ސަރުކާރުން އައު މޫނުތަކެއް ފެންނާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަން ކުރައްވާފައި މި ވަނީ އެންމެ ގާތް އެކުވެރިންގެ ތެރެއިން ބޭފުޅެކެވެ. އަދި، މިއަދުގެ ވަގުތެއްގައި އޭނާގެ އައު ކެބިނެޓް އެކުލަވައިލައްވާނެއެވެ. ނަމަވެސް، ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ކެބިނެޓުން ވެސް އައު ބޭފުޅުންތަކެއް ފެނުމަކީ ދުރު ކަމެއްގެ ގޮތުގައި މިހާރު ޤަބޫލު ކުރެވެއެވެ.
ބޮޑުވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދެވި ވިކްރެމަސިންހަ އެ ޤައުމުގެ ރައީސްގެ މަޤާމަށް އިންތިޚާބު ކުރީ ގޮތަބަޔަ ރާޖަޕަކްސަ އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް ޢާންމު ރައްޔިތުން ތެދުވެ ފެށި މުޒާހަރާތައް އަދިވެސް ހުއްޓައިލާފައެއް ނުވެއެވެ.

ނަމަވެސް، ވިކްރެމަސިންހަ ވަނީ މުޒާހަރާތައް ރޫޅައިލުމުގެ މަސައްކަތް ފައްޓަވާފައެވެ. އޭނާ ވަނީ ކުއްލި ހާލަތު އިޢުލާނު ކުރައްވައި، ކޮލަމްބޯގައި ކާފިޔު އިޢުލާނު ކުރައްވާފައެވެ. އަދި، ކޮލަމްބޯގައިވާ މުޒާހަރާ ކުރާ މީހުންގެ ކޭމްޕުތައް ރޫޅައިލުމުގެ މަސައްކަތް އެ ޤައުމުގެ ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ވަނީ ފަށާފައެވެ.

ވިކްރެމަސިންހަ ވަނީ، ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ޤާނޫނު އަސާސީއާ ޚިލާފު މުޒާހަރާތަކެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އަދި، މުޒާހަރާ ކުރާ މީހުން ދައުލަތުގެ ޢިމާރާތްތަކަށް ވަދެ، އެ ތަންތަން ހިސާރު ކޮށްފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

ވިކްރެމަސިންހައަކީ ރާޖަޕަކްސަގެ ޢާއިލާއާ ވަރަށް ގާތް ބޭފުޅެއް ކަމުގައި މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރެއެވެ. ނަމަވެސް، އޭނާ މި ކަން ދޮގު ކުރައްވައެވެ. ”އަހަރެންނަކީ ރާޖަޕަކްސަ ޢާއިލާގެ ރަޙުމަތްތެރިއެއް ނޫން. އަހުރެންގެ ރަޙުމަތްތެރިންނަކީ ސްރީލަންކާގެ ޢާންމު ރައްޔިތުން،“ ވިކްރެމަސިންހަ ވިދާޅުވިއެވެ.

ސްރީލަންކާގެ ފުލުހުން ބުނީ، މުޒާހަރާތައް ރޫޅައިލާފައި ވަނީ، މުޒާހަރާގެ ބައިވެރިން ހިފާފައިވާ ރައީސް އޮފީހުގެ ސަރަޙައްދުތަކުން އެ މީހުން ނެރެ، އެ ތަނުގެ މަސައްކަތްތައް އަލުން ފެށުމުގެ ގޮތުންނެވެ. މުޒާހަރާތައް ރޫޅައިލުމަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަނުގައި މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނިޔާވި މީހުންގެ ތެރޭގައި ދެ ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެ ކަމާ ގުޅިގެން ސްރީލަންކާގެ ބާ އެސޯސިއޭޝަނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ފުލުހުންނާއި ސިފައިން ހާލަތާ ނުބައްދަލު ބާރުގެ ކުރަމުންދާ ކަމަށް އެ ޖަމުޢިއްޔާއިން ތުހުމަތު ކުރެއެވެ.