ޚަބަރު

އިރާޤަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތުތައް ތުރުކީން ދޮގުކޮށްފި


އިރާޤުގެ އިރުމަތީގައިވާ ދޮހޫކް ޕުރޮވިންސުގެ ފަރުބަދަމަތީ ހިސާބެއްގައި އޮންނަ ރިސޯޓަކަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ އިރާޤުން ކުރަމުންދާ ތުހުމަތުތައް އެ ޤައުމުން ދޮގުކޮށްފިއެވެ.

ޒާޚޯ ކިޔާ ރަށެއްގެ ރިސޯޓަކަށް ދިން މި ހަމަލާތަކުގައި ފަތުރުވެރިންގެ އަށް މީހަކު މަރުވެ، އިތުރު 23 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މިއީ ޓެރެރިސްޓުންގެ ހަމަލާއެއް ކަމަށް ސިފަކޮށް ތުރުކީވިލާތުން ބުނީ، އެ ޤައުމުގެ އަސްކަރިއްޔާއިން އިރާޤުގެ އެއްވެސް ސަރަޙައްދަކަށް ހަމަލާދީފައި ނުވާނެ ކަމުގައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

އިރާޤުގެ ވޮޑުވަޒީރު މުޞްޠަފާ އަލްޚަދީމީ ވިދާޅުވީ، ތުރުކީވިލާތުން އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެފައިވާ ކަމުގައެވެ. އެ ޤައުމުގެ ރައީސް ބަރްހާމް ޞާލިޙު ވެސް ވަނީ މި ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި، މިކަމާ ގުޅޭ ގޮތުން ތުރުކީގައި ހުންނަ އިރާޤުގެ އިސް ސަފީރަކާ ސުވާލު ކުރުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ. އަދި، ވެރިރަށް ބަޣުދާދުގައި ހުންނަ ތުރުކީގެ ސަފީރާ ސުވާލު ކުރުމަށް ވެސް އިރާޤުގެ ކެބިނެޓުން ވަނީ ލަފާ ދީފައެވެ.

މި ހަމަލާތަކުގެ ޚަބަރު ލިބުމާއެކު ތުރުކީވިލާތުން ވަނީ ހިތާމަފާޅު ކުރާ ކަމަށް ބުނެ، އެ އަމަލު ކުށްވެރި ކޮށްފައެވެ. އަދި، އެ ޤައުމުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއެއްގައި ޢާންމުންނަށް ގެއްލުން ނުވާނެ ގޮތަށް ހުރިހާ ފިޔަވަޅެއް އަޅާ ކަމުގައި ވެސް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.