ޚަބަރު

ހަނގުރާމައިގައި ރަޝިޔާގެ 15,000 ސިފައިން މަރުވެއްޖެ: އެމެރިކާ


ރަޝިޔާ ސިފައިން ޔޫކްރެއިނުގައި ހަނގުރާމައިގައި މިހާތަނަށް ރަޝިޔާގެ 15,000 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމުގައި އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)އިން ބުނެފިއެވެ. މި ހަނގުރާމައިގައި ދެ ފަރާތުގެ ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގައި އެ އިދާރާއިން ބުނެއެވެ.

ހަނގުރާމައިގައި ދެ ފަރާތުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ 45,000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމުގައި ވެސް ސީ.އައި.އޭ.ގެ ޑިރެކްޓަރ ވިލިޔަމް ބަރންސް ވިދާޅުވިއެވެ. މި ހަނގުރާމައަށް ފަސް މަސް ފުރުމާ ގާތްވެފައިވާ އިރު، ޔޫކްރެއިނުގެ ދޮންބެސް ސަރަޙައްދުގެ ބޮޑު ބަޔަކަށް ރަޝިޔާ ސިފައިން ވަނީ އަތްގަދަކޮށްފައެވެ. މި ގޮތުން ޔޫކްރެއިނުގެ ފަސްބައިކުޅަ އެއްބައި މިހާރު އޮތީ ރަޝިޔާ ސިފައިން ކޮންޓްރޯލްގެ ދަށުގައެވެ.

ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން މަރުވެފައިވާ ކަމުގައި އެމެރިކާއިން ބުނި ނަމަވެސް، މި އަދަދު ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ހަނގުރާމައިގެ މައިދާނުގައި މަރުވާ ސިފައިންގެ އަދަދަކީ ރަޝިޔާއިން ސިއްރު ކޮށްފައިވާ މަޢުލޫމާތެކެވެ. ނަމަވެސް، މާރިޗު 25 ގައި ރަޝިޔާއިން ވަނީ ހަނގުރާމައިގައި 1,351 ސިފައިން މަރުވެފައިވާ ކަން ހާމަކޮށްފައެވެ. އޭގެ ފަހުން މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ރަޝިޔާއިން މި ހަފުތާގައި ވަނީ ހަނގުރާމައިގެ ލަނޑުދަނޑިތައް އިތުރަށް ފުޅާ ކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަރްގެއި ލެވްރޮފް ވިދާޅުވީ، ހަނގުރާމައިގެ ލަނޑުދަނޑިތަކުގެ ތެރޭގައި ދޮންބެސް ނޫން އެހެން ސަރަޙައްދުތައް ހިފުން ވެސް މިހާރު ހިމެނޭ ކަމުގައެވެ. އަދި، ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ނަމަ، ލަނޑުދަނޑިތައް އިތުރަށް ފުޅާ ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކަކީ ރަސްމީ ގޮތުން ރަޝިޔާގެ ބިންތަކެއް ކަމުގައި ކަނޑައަޅަން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ. ”މިފަދަ އަމަލުތަކަކީ އ.ދ.ގެ ޗާޓަރާ މުޅިން ޚިލާފު އަމަލުތަކެއް. މި ކަމަށް ހުރަސް އަޅާނަން. އަދި، ރަޝިޔާއަށް އަދަބު ދޭނަން،“ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިއެވެ.

2014 ވަނަ އަހަރު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރި ހަނގުރާމައިގައި އެ ޤައުމުގެ ކްރައިމިޔާ ސަރަޙައްދު ވަނީ ހިފާފައެވެ. މިހާރު ކްރައިމިޔާއަކީ ރަޝިޔާގެ ބިމެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، ދޮންބެސްގެ ދޮނެޓްސްކާއި ލުހާންސްކްގައި ހަރަކާތްތެރިވާ ޔޫކްރެއިނުގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ރަޝިޔާއިން ދަނީ ތާޢީދުކޮށް އެއްބާރުލުން ދެމުންނެވެ. ބެލެވޭ ގޮތުގައި ރަޝިޔާއިން މަސައްކަތް ކުރަމުން ދަނީ އެ ދެ ސަރަޙައްދަކީ ވެސް އެ ޤައުމުގެ ތަންތަން ކަމުގައި ކަނޑައެޅުމަށެވެ.

މި ހަނގުރާމައާ ގުޅިގެން ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން މި ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މިއީ، އެ ޤައުމާ ދެކޮޅަށް އީ.ޔޫ.އިން ފިޔަވަޅު އަޅާ ހަތްވަނަ ފަހަރެވެ. ނަމަވެސް، މި ފިޔަވަޅުތަކާ މެދު ޔޫކްރެއިނުން ހިތްހަމައެއް ނުޖެހެއެވެ. ”ތި ވަރަކުން ނުވާނެ! ރަޝިޔާއިން ޞުލްޙައިގެ މަގު ޚިޔާރު ކުރާނީ މިހާރަށްވުރެ ބޮޑަށް އެ ޤައުމަށް ފިއްތުންތައް ކުރިމަތިކޮށްގެން،“ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.

ހަނގުރާމައަށް ޞުލްޙަވެރި ނިމުމެއް ގެންނަން އެމެރިކާއިން ބޭނުން ނުވާ ކަމުގައި ވެސް ރަޝިޔާއިން މި ވަނީ ތުހުމަތުކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވީ، ޞުލްޙައިގެ މަޝްވަރާތަކާ ގުޅޭ ގޮތުން ރަޝިޔާއާއި އެމެރިކާއާ ދެމެދު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމުގައެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އެންމެ ފަހުން ޞުލްޙަ ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވަނީ އޭޕްރިލް މަހުގައެވެ.