ޚަބަރު

ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމުގެ ހުއްދަ ދެނީ


ބްލެކް ސީގެ އައްސޭރިފަށުގައިވާ ޔޫކްރެއިނުގެ ބަނދަރުތައް އަލުން ހުޅުވައި، އެ ތަނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފެށުމަށް އެ ޤައުމާއި ރަޝިޔާއިން އެއްބަސްވެފައިވާ ކަމަށް ތުރުކީވިލާތުން ހާމަކޮށްފިއެވެ. މި ކަމާ ގުޅޭ ގޮތުން އިސްތަންބޫލުގައި ބޭއްވި މަޝްވަރާތަކުގައި ދެ ޤައުމުގެ އަސްކަރީ އޮފިޝަލުންގެ އިތުރުން އ.ދ.އާއި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ތުރުކީގެ އިސްވެރިން ބައިވެރިވިއެވެ.

ޔޫކްރެއިނާއި ރަޝިޔާއަކީ ގޮވާމުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް ހައްދައި އެކްސްޕޯޓް ކުރާ ދެ ޤައުމެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު، ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ވަނީ ހުރަސް އެޅިފައެވެ.

މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޮވާމުގެ ބާވަތްތަކުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި، ގޮވާމުގެ ބާވަތްތައް ލިބުން ދަތިވެ، ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ބައެއް ޤައުމުތަކަށް ވަނީ ދަތިވެފައެވެ. އަދި، ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ހަނގުރާމާއާ ގުޅިގެން އެމެރިކާއިން އިސްވެ އޮވެ، ހުޅަނގުގެ ބާރުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި، އެ ޤައުމުން މުދާ އެކްސްޕޯޓް ކުރުމަށް ހުރަސް އެޅުން ހިމެނެއެވެ. ނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ ކާބާތަކެތީގެ ދަތިތައް ހައްލު ކުރުމަށް ހުޅަނގުން ވަނީ، ރަޝިޔާއިން އެކްސްޕޯޓް ކުރުމަށް ހުރަސްއަޅާފައިވާ ތަކެތީގެ ލިސްޓުން ކާބޯތަކެއްޗާއި ގަސްކާނާގެ ބާވަތްތައް އުނިކޮށްފައެވެ.

ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އަލުން އެކްސްޕޯޓް ކުރަން ފެށުމަށް އެއްބަސްވެފައިވާ ކަމުގައި ތުރުކީ ވިލާތުން ބުނި ނަމަވެސް، ރަޝިޔާ އަދި ޔޫކްރެއިނުން ވެސް މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ތުރުކީގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އޮލެގް ނިކޮލެންކޯ ވިދާޅުވީ ގޮވާމުގެ ބާވަތްތައް އުފުލާ އާގުބޯޓުފަހަރަށް ރައްކާތެރި ކަމާއެކު ދަތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ކަމުގައެވެ. އަދި، ހުކުރު ދުވަހުގެ ވަގުތެއްގައި މި ކަމާ ގުޅޭ ގޮތުން ރަސްމީ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.