ޚަބަރު

ޔަހޫދީން ދިމިޝްޤަށް ހަމަލާދީ ތިން މީހުން މަރާލައިފި


އިސްރާއީލުގެ ޔަހޫދީ ސިފައިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީ، ތިން މީހުން މަރައިލައިފިއެވެ. މި ހަމަލާތަކުގައި މަރުވެފައި ވަނީ ސޫރިޔާގެ ސިފައިންގެ ތިން މީހެއް ކަމުގައި އެ ޤައުމުގެ ސަރުކާރު މީޑިޔާއިން ބުނެއެވެ. އަދި، މި ހަމަލާތަކުގައި ސިފައިންގެ ހަތް މީހަކު ޒަޚަމްވިއެވެ.

މިސައިލް ހަމަލާތައް އުދުއްސައިލާފައި ވަނީ ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން ކޮންޓްރޯލް ކުރަމުންދާ ސަރަޙައްދަކުން ކަމުގައި ސޫރިޔާއިން ތުހުމަތު ކުރެއެވެ. އަދި، މީގެ ތެރެއިން ބައެއް މިސައިލްތައް ސޫރިޔާގެ އަސްކަރިއްޔާގެ ދިފާޢީ ނިޒާމުތައް ބޭނުންކޮށްގެން ވައްޓައިލާފައިވާ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން އެތަކެއް ފަހަރެއް މަތިން އެ ޤައުމުގެ އަމާޒުތަކަށް މިސައިލް ހަމަލާ ދީފައިވެއެވެ. ނަމަވެސް، މިފަދަ ހަމަލާތަކުގެ ޒިންމާ އުފުލުމަކީ އިސްރާއީލުން ކުރާ ކަމެއް ނޫނެވެ.

ދިމިޝްޤަށް މި ފަހަރު ދީފައިވާ ހަމަލާތަކާ ގުޅޭ ގޮތުން އިސްރާއީލުން ބުނީ، އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަމާޒުތަކަށް ހަމަލާދެމުން ދާ ކަމުގައެވެ. ސޫރިޔާގައި ހަރަކާތްތެރިވާ މި ފަދަ އެއް ޖަމާޢަތަކީ، އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އެއްބާރުލުންދޭ ލުބުނާނުގެ ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲއެވެ.

ޖޫން މަހު ދިމިޝްޤުގެ މައި އެއަރޕޯޓަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އެއަރޕޯޓުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ.