ޚަބަރު

ވިކްރަމަސިންހައާ ދެކޮޅު މުޒާހަރާތައް ބާރުގެ ބޭނުންކޮށް ރޫޅައިލަނީ


ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ޢާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ރޫޅައިލުމުގެ މަސައްކަތް އެ ޤައުމުގެ އައު ރައީސް ރަނިލް ވިކްރަމަންސިންހަ ފައްޓަވައިފިއެވެ. ވެރިރަށް ކޮލަމްބޯގައި މުޒާހަރާ ކުރާ މީހުން ޤާއިމުކޮށްފައިވާ ކޭމްޕެއް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް ވަދެ، އެ ތަން ރޫޅައިލާފައެވެ. ރަޔަޓް ގިޔަރުގައި ތިބި ސަލާމަތީ ބާރުތަކުގެ ފުލުހުންނާއި ސިފައިން ވަނީ ނުވަ މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

ސްރީލަންކާގައި ގޯސްވަމުން ދިޔަ އިޤްތިޞާދީ ހާލަތާ ގުޅިގެން ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި، އެ މީހުން ވަނީ ސަރުކާރުގެ އޮފީސްތަކަށް ވަދެ، އެ ތަންތަން ހިފާފައެވެ. މީގެ ތެރޭގައި ރައީސާއި ބޮޑުވަޒީރުގެ ގެކޮޅު ހިމެނެއެވެ. އަދި، ބައެއް ތަންތަނުގައި ހުޅުޖަހާފައި ވެސް ވެއެވެ.
ސްރީލަންކާއަށް އިޤްތިޞާދީ ބޮޑު ކާރިސާއެއް ކުރިމަތިވީ، އިޤްތިޞާދީ ކަންކަން ބެލެހެއްޓުމުގައި އެ ޤައުމުގެ ސަރުކާރު ނުކުޅެދުމުގެ ސަބަބުން ކަމަށް މުޒާހަރާ ކުރާ މީހުން ޤަބޫލު ކުރެއެވެ. އަދި، ބޭރު ފައިސާ ހުސްވެ، ޒަރޫރީ ސާމާނު އެތެރެ ކުރުން ހުއްޓައިލާން ޖެހުނެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު ނަލިން ތަލްދުވާ ވިދާޅުވީ ރިޔާސީ ގަނޑުވަރުން މުޒާހަރާ ކުރާ މީޙުން ބޭރުކޮށް، އެ ތަން ހިފުމަށް ސަލާމަތީ ބާރުތަކުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާ ކަމުގައެވެ. އަދި، އެ ތަނުގައި ތިބުމުގެ އެއްވެސް ހައްޤެއް މުޒާހަރާ ކުރާ މީހުންނަށް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވިކްރަމަސިންހަ އެ ޤައުމުގެ އައު ރައީސްގެ މަޤާމަށް އިންތިޚާބު ކުރުމާ ގުޅިގެން މުޒާހަރާތައް ރޫޅައިލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މުޒާހަރާތައް އިންތިޒާމު ކުރަމުންދާ މީހުން ދިޔައީ ބުނަމުންނެވެ. މި އޮޕަރޭޝަނުގައި 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް މުޒާހަރާ އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ. އަދި، ދެ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

ވިކްރަމަސިންހަ އެ ޤައުމުގެ ރައީސްގެ މަޤާމަށް އިންތިޚާބު ކޮށްފައި މި ވަނީ، ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ. ވަގުތީ ރައީސްގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވިކްރަމަސިންހަ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ކޮލަމްބޯގައި ކުއްލި ހާލަތު އިޢުލާނު ކުރައްވާ، ކާފިޔުއެއް ހިންގަން ފެއްޓެވުމެވެ.